ފެމިލީ ކޯޓުގެ އަމުރަކާ ހިލާފަށް ބައްޕައަކު އޭނާގެ ތުއްތު ދަރިފުޅު ގެންދިޔަ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ދަރިފުޅު ކޯޓު އަމުރާ ހިލާފަށް ގެންދިޔަ މައްސަލައިގައި ހިމެނެނީ ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ނާޒިމް އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ 8:30 ހާއިރު އެ މައްސަލަ އެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ ހިސާބުން މައްސަލަ ބަލަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނާ ހަމައަށް މައްސަލަ ހުށަހެޅުނު ހިސާބުން މައްސަލަ ބަލަމުން މި ގެންދަނީ،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ދަރިފުޅު ގެންދިޔަ މީހާ ފުލުހުން ހޯދަމުންދާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާތީ ފުލުހުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

އެ މައްސަލައިގައި ނާޒިމް ވިދާޅުވީ ހިލާފުވެގެން އުޅޭ ކަމަށް އެ ބުނަނީ އޭނާ ހޯދާފައިވާ އަމުރެއް ކަމަށާއި އެ އަމުރާ ހިލާފްވެފައި ނުވާނެ ކަމަށެވެ.

"ދަރިފުޅު ހަވާލު ކުރަން މިއަދު ވެސް އަޅުގަނޑު ގޮސްފިން. އެކަމަކު އެ ގެއިން މީހަކު ހަވާލެއް ނުވި. ފޯނެއް ވެސް ނުނަގާ،" އޭނާ ވިދާޅުވި އެވެ.