10 May 2014, 09:01
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު އިންތިޚާބު ކޮށްފި އެވެ.
އިއްޔެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 8:00 އަށް އެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔައީ މާލޭ ސިޓީ ހޯލްގަ އެވެ.
އެމްޑީޕީން އާންމުކުރި ވަގުތީ ނަތީޖާ ދައްކާގޮތުން ޝިފާ އަށް ލިބިވަޑައިގެންފައި ވަނީ 5531 ވޯޓެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން އަންހެނުންގެ ރޫހުގެ ނާއިބް ރައީސާ އަކަށް އިންތިޚާބުވެވަޑައިގަތް އާމިނަތު ޝާނީޒު ސައީދަށް ލިބިވަޑައިގަތީ 5479 ވޯޓެވެ.
އަންހެނުންގެ ގޮފީގެ ރައީސާ ހޮވުމުގެ އިތުރުން އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ނާއިބް ރައީސް ހޮވުމަށް ވެސް އިއްޔެ ވަނީ ވޯޓުލައިފަ އެވެ.އެމްޑީޕީގެ ރަސްމީ ވެބްސައިޓްގައިވާވަގުތީ ނަތީޖާ ދައްކާގޮތުން ޒުވާނުންގެ ހިތްވަރުގެ ރައީސަކަށް އިންތިޚާބުވެވަޑައިގެންފައި ވަނީ މުހައްމަދު އަޒުމީލު އެވެ. އޭނާ އަށް ލިބިވަޑައިގަތީ 4821 ވޯޓެވެ. އަދި 4902 ވޯޓު ލިބިވަޑައިގެން ޒުވާނުންގެ ހިތްވަރުގެ ނާއިބް ރައީސަކަށް އިންތިޚާބުވެވަޑައިގެންފައި ވަނީ ޚުޒާމް ހުސައިން ދީދީ އެވެ.