09 May 2014, 23:07
ތިމާގެ ހަށިގަނޑު ގައި އެންމެ ބޮޑަށް އަޅައިނުލެވޭ ގުނަވަނަކަށް ވާނީ އަތެވެ. ކިތަންމެ ވަރަކަށް މޫނު ރީތި ކޮށް ބެލެހެއްޓި ކަމުގައި ވިއަސް ޒުވާން ކަން މަތީ ދެމިހުރުމަށް އަތަށް ފަރުވާތެރި ވުން މުހިންމެވެ. އެއީ ތިމާގެ އުމުރުން ދުވަސް ވަމުންދާ ވަރަކަށް އެ ކަން އަތުން ވެސް އެނގެން ހުންނާނެތީ އެވެ. އަތަށް ވެސް ބަދަލުތައް އަންނަމުން ދާނެތީ އެވެ.
އަތަށް ފަރުވާތެރި ވުމުގެ ގޮތުން ކުރެވިދާނެ ތިން ކަމަކީ؛
އަބަދުވެސް އަތުގައި މޮއިސްޗަރައިޒް ކްރީމެއް ބޭނުން ކުރާށެވެ. މިގޮތުން އަތާ ގުޅޭ ކްރީމްސް އަބަދުވެސް ތިމާ ގެންގުޅޭ ދަބަހުގަޔާއި ގޭގައި އެންމެ ގިނައިން އުޅޭ ތަންތަނުގައި ބެހެއްޓުން ރަނގަޅު ވާނެ އެވެ. އަދި އަތް ހިކޭ ކަން އިހުސާސް ކުރެވޭ ފަހަރު ތަކުގައި އަތުގައި ހާކާލަން އާދަ ކުރާށެވެ.
މޫނުގައި ހަލާކުވެފައި ހުންނަ ހަންގަނޑު ރަނގަޅު ކުރުމަށް ކުރާ ކަމަކީ އެކްސްފޯލިއޭޓް ކުރުމެވެ. (އެކްސްޕޯލިއޭޓް އަކީ މަރުވެފައި ހުންނަ ހަންތައް ނައްތައި ލުމަށް ދެވޭ ފަރުވާއަށް ކިޔާ ނަމެކެވެ.) އަތް ވެސް މިގޮތަށް އެކްސްފޯލިއޭޓް ކުރަން ޖެހެއެވެ. އެގޮތުން ވެސްލިން އަށް އެކެއް ނުވަތަ ދެ ސައިސަމުސާ ހަކުރާއި އެއްކޮށްފައި އަތުގައި ރީތިކޮށް އުނގުޅައި ލާށެވެ. މިނެޓެއްހާ އިރު އުނގުޅައިލުމުން ރަނގަޅު ވާނެ އެވެ. އެއަށް ފަހު އަތް ތިލަ ލެވޭ ވަރުގެ ތައްޓެއްގެ ތެރެއަށް ފެން ފޮދެއް އަޅައި ލުމަށް ފަހު އޭގެ ތެރެއަށް ލުނބޮއެއްގެ ހުތް ފެލައި ލާށެވެ. އަދި އޭގެ ތެރެއަށް ދެ ސައި ސަމުސާ ފިނިފެން (ރޯސް ވޯޓަރ) އެއްކޮށްލާށެވެ. އެއަށް ފަހު ތަށީގެ ތެރެއަށް އަތް ލައިގެން 15 މިނެޓް މަޑު ކޮށްލާށެވެ. މީގެން އަތް މަޑުވެ އަތުގެ ކުލަ އަލި ކޮށްދޭނެ އެވެ.
މޫނެކޭ އެއް ފަދައިން އަތުގައިވެސް އައްވަށް ނުކުންނަމުން ސަން ކްރީމެއް ހޭކުން މުހިއްމެވެ. މީގައި ބޮޑަށް ރަނގަޅީ ތިމާ ބޭނުން ކުރާ މޮއިސްޗަރައިންޒިން ކްރީމަކީ އެސް ޕީ އެފް ހުންނަ ކްރީމެއްތޯ ބެލުމެވެ. މިހާރު ބާޒާރުގައި ހުންނަ ރަނގަޅު ފެންވަރުގެ ގިނަ މޮއިސްޗަރައިންޒިން ކްރީމްގައި މި މާއްދާ ހުންނާނެ އެވެ.
އަތް މާ ބޮޑަށް ހަލާކުވެ، ހަން ފޮޅި، ހިކޭ ގޮތް ދިމާވާ ކަމަށްވާ ނަމަ ނެގިދާނެ ޓްރީޓްމަންޓެއް:
ނިދުމުގެ ކުރިން އަތް ރީތިކޮށް މޮއިސްޗަރައިޒިން ސައިބޯންޏަކުން ދޮވެލާށެވެ.
އެއްކޮށް އަތް ނުހިއްކައި އެކެއް ނުވަތަ ދެ ސައިސަމުސާ ބޭކިން ސޯޑާ އަތަށް އަޅައި ރަނގަޅަށް މަސާޖް ކޮށްލާށެވެ. ބޭކިން ސޯޑާ އަކީ އެކްސްފޯލިއޭޓް ކުރަން ބޭނުން ކުރެވިދާނެ ވަރަށް ރަނގަޅު އެއްޗެކެވެ. މަސާޖުކޮށް ނިމިގެން އަނެއްކާވެސް އަތް ރަނގަޅަށް ދޮވެލާށެވެ. (ކުރިން ބުނި ގޮތަށް ވެސްލިން އަދި ހަކުރުވެސް އެކްސްފޯލިއޭޓް ކުރުމަށް ބޭނުން ކުރެވިދާނެއެވެ.)
ތުވާލިން އަތް ފުހޭއިރު ބާރު ބާރަށް އަތުގައި ތުވާލި ހޭކުމުގެ ބަދަލުގައި، ތުވާލި މަޑު މަޑުން އަތުގައި ޖައްސާށެވެ. (ދާ ހިއްލާފައި ހުންނަ ވަގުތު ތަކުގައި މޫނުގައި ޓިޝޫ ޖައްސާ ގޮތަށެވެ.)
އަތް އެއްކޮށް ނުހިކެނީސް ޕެޓްރޯލިއަމް ޖެލީ ހިމެނޭ ކްރީމެއް (ވެސްލިން ފަދަ) އަތުގައި ހާކާލައިފައި ފޮތި އަންގި ނުވަތަ ސާފު އިސްޓާކީނެއް އަތަށް އަރުވާލާށެވެ. އަދި މުޅި ރޭ މިހެން ބަހައްޓާށެވެ.
ހެނދުނު ހޭލާއިރު އަތް ހުންނާނީ ސާފުކޮށް ކުލަ އަލިވެފައި އަދި ވަރަށް ބޮޑަށް މަޑުވެފަ އެވެ.
ރީތިކޮށް ހުރުމަށް ތިމާގެ ނިޔަފަތިތަކަށް ވެސް ސަމާލު ވާން ޖެހެއެވެ. ސާފު ނިޔަފަތި ހުރުމުން އެހެން މީހުން ތިމާ އާއި މެދު ދެކޭ ގޮތް ތަފާތެވެ.
ނިޔަފަތިތަކަށް އެއްމެ ބޮޑަށް ގެއްލުން ލިބެނީ ދުވާލުގެ މަސައްކަތް ތަކުންނެވެ. މިގޮތުން، އެއްޗެހި ދޮވެ، ޓައިޕް ކޮށް، ފައިލް ކޮށް، ކައްކައި އަދި މިނޫން ވެސް ކޮންމެ ދުވަހަކު ކުރާ އެކިއެކި ކަންތައްތަކުން ނިޔަފަތި އެކި ގޮތް ގޮތުން ހަލާކުވެ އެވެ.
ނިޔަފަތިތައް ރީތިކޮށް ބެހެއްޓުމަށް ޓަކައި ޕްރޮޓިންސް އަދި ވިޓަމިންސް ކާންޖެހެއެވެ. މިގޮތުން ފާހަގަކޮށްލެވޭ ބައެއް ވިޓަމިންސް އަދި ޕްރޮޓިންސް އަކީ ވިޓަމިން އޭ، ކެލްސިއަމް، ވިޓަމިން ބީ، ފޮލިކް އެސިޑް އަދި ބަޔޮޓިން އެވެ. މިބާވަތުގެ ޕްރޮޓިންސް އަދި ވިޓަމިންސް ހިމެނޭ ކާއެއްޗެހި ގިނައިން ކެއުން މުހިއްމެވެ.
ނިޔަފަތި ހުދު ކުރުމަށް ސެލޫނަކަށް ނުގޮސް ގޭގައި ފަސޭހައިން ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި؛
ފެންތައްޓަކަށް ލުނބޯ އަޅާފައި އެ ތައްޓަށް އަތްލައިގެން 15 މިނިޓް ވަންދެން މަޑުކޮށްލާށެވެ. އެއަށް ފަހު އަތް ރަނގަޅަށް ދޮވެލައި، ތުވާލިން ފުހެލާށެވެ. އަތުގައި ބޭނުންކުރާ ކްރީމް އުނގުޅާލާށެވެ.
ދަތް އުނގުޅާ ބޭސް ބުރުހެއްގައި ހާކާފައި ނިޔަފަތި ތަކުގައި 15 މިނިޓް ވަންދެން އުނގުޅައިލާށެވެ. އެއަށް ފަހު އަތް ދޮވެ އަތުގައި ކްރީމް އުނގުޅައި ލާށެވެ.