ސީޕީ ކަޕް އިންޓަ ޑިޕާޓްމަންޓް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޒަންގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ފޮރެންސިކް އެންޑް ފްރެންޑްސް ޗެމްޕިއަންކަން ހޯދައިފި އެވެ.

ފޮރެންސިކް އެންޑް ފްރެންޑްސް ޗެމްޕިއަންކަން ހޯދާފައިވަނީ މިއަދު ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ކުޅުނު ފައިނަލުގައި މާލެ ސިޓީ ޕީސް މޭކާސް ވުމަންސް އާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މިމެޗުގެ ސެޓްތައް ފޮރެންސިކް އެންޑް ފްރެންޑްސް އިން ގެންގޮސްފައިވަނީ 25-19، 25-10 އަދި 25-15 ންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ފޮރެންސިކް އެންޑް ފްރެންޑްސްގެ ކެޕްޓަން ހައްވާ ރާޝިދާ އެވެ.

ފައިނަލް މެޗު ނިމުމުން މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމްތަކަށް ތަށްޓާއި މެޑަލް އަދި ސެޓްފިކެޓް ވަނީ ދީފައެވެ. އެގޮތުން މުބާރާތުގެ އަންހެން ޑިވިޒަންގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ފޮރެންސިކް އެންޑް ފްރެންޑްސްގެ ހައްވާ ރާޝިދާ، ޒީނިއާ މޫސާ، ފާތުމަތި އަރޫޝާ، އަދި މާލެސިޓީ ޕީސް މޭކާސް ވުމަންސްގެ އާމިނަތު ޝާތިރާ، ހަދީޖާ އިބްރާހިމް ގެ އިތުރުން ޓީމް 119 ގެ މުއީނާ ހަސަންއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ފޮރެންސިކް އެންޑް ފްރެންޑްސްގެ ހައްވާ ރާޝިދާއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަަށް މެޑަލް އާއި މިލްކުވާ ތަށި ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ އެވެ.