ލޯކަލް ކައުންސިލުތަކަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ހަތް މީހެއްގެ ނަން ބާތިލުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.


ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ މިހާރު ވެސް ކެންޑިޑޭޓުންނާ ބެހޭ ޝަކުވާތައް  ހުށަހަޅަމުން އަންނަ ކަމަށާއި އެ ޝަކުވާތަކަށް ބެއްލެވުމަށް ފަހު ބައެއް ކެންޑިޑޭޓުންގެ ނަން ބާތިލުކޮށްފައިވާނެ ކަމަށެވެ.


އެ ގޮތުން ކެންޑިޑޭޓުންގެ ގުރުއަތުލުމުގެ ކުރިން ފަސް ބޭފުޅެއްގެ ނަން އަދި ގުރުއަތުލުމަށް ފަހު ދެ ބޭފުޅެއްގެ ނަން އިއްޔެ ބާތިލުކޮށްފައިވާ ކަމަށް ފުއާދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޮމިޝަނުން ބަލަމުން އަންނަ ވަރަކަށް ބައެއް ކެންޑިޑޭޓުންގެ ނަން ބާތިލުކުރަން ޖެހޭ ކަމަށް ސާބިތުވަމުން އަންނަ ކަމަށެވެ.


"އެކަމުގައި މި ބަލަނީ ކޯޓުތަކުން ލިބޭ ލިޔުމާއި މީހުން ކުރާ ޝަކުވާތަކަށް ބިނާކޮށް ކޯޓުތަކުން ހޯދާ ލިޔުންތަކަށް،" ފުއާދު ވިދާޅުވި އެވެ.


ނަން ބާތިލު ކުރި ކެންޑިޑޭޓުންނަކީ ކޮން ޕާޓީތަކެއްގެ ކެންޑިޑޭޓުންތޯ ސުވާލު ކުރުމުން ފުއާދު ވިދާޅުވީ އެ މަރުހަލާ އަދި ނުބައްލަވާ ކަމަށާއި މިވަގުތު ބަލަނީ ބާތިލުވާ މިންވަރާއި ސައްހަވާ މިންވަރު ކަމަށެވެ.


"ބާތިލު ކުރި ފަރާތްތަކަކީ މިނިވަން ކެންޑިޑޭޓުންތޯ ޕާޓީއެއްގެ ކެންޑިޑޭޓުންތޯ ބަލާނީ ފަހުން،" ފުއާދު ވިދާޅުވި އެވެ.


ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލައްވާފައި ވަނީ 2832 މީހެކެވެ.