09 May 2014, 22:12
މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތުގައި ވ. އަންބަރާއިން ހައްޔަރި މީހުންގެ ތެރެއިން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި އަށް މީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކްރިމިނަލް ކޯޓުން އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ މިރޭ ކަމަށެވެ.
މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތުގައި އަންބަރާއިން ހައްޔަރު ކުރީ ޖުމްލަ 79 މީހުންނެވެ. އެ މީހުންގެ ތެރެއިން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި އަށް ފިރިހެނުން ފިޔަވައި އެހެން އެންމެން މީގެކުރިން ވަނީ ދޫކޮށްލައިފަ އެވެ.
ފުލުހުން ބުނީ އަންބަރާއިން ހައްޔަރުކުރި އެންމެން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެރަށުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ އާއި ބާރުގަދަ މަސްތުވާތަކެއްތީގެ ބާވަތެއް ކަމަށްވާ އެލްއެސްޑީގެ އިތުރުން ކެނަބިސް ވެސް ފުލުހުން ވަނީ އަތުލައިގެންފަ އެވެ. އަދި އެ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރި ވެސް ކުރި ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.