އޭއެފްސީ ޗެލެންޖު ކަޕުގައި ގައުމީ ޓީމުގެ ކުޅުންތެރިން ބޭނުން ކުރާނެ އާ ޖާޒީ މިއަދު ހަވީރު ދައްކާލައިފި އެވެ.

ސޮނީ ސްޕޯޓްސް މެދުވެރިވެގެން އެޑިޑާސް ކުންފުނިން އުފައްދާފައިވާ ގައުމީ ޓީމުގެ ޖާޒީ އާންމުކުރީ މިއަދު ހަވީރު އާޓްފިޝަލް ބީޗުގައި އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދެވެ. ސޮނީ ސްޕޯޓްސްގެ ފަރާތުން ގައުމީ ޓީމުގެ އާ ޖާޒީ އިލްހާމާ ހަވާލު ކޮށްދެއްވީ އަހްމަދު ކަލީމެވެ.

ގައުމީ ޓީމު ހޯމް ޖާޒީގެ ގޮތުގައި ބޭނުންކުރާ ރަތް ކުލައިގެ އާ ޖާޒީގެ މޭ މައްޗާ ދިމާލުން ކަރާ ހިސާބަށް ހުންނަނީ ހުދު ކުލަ އެވެ. އަދި މޭމައްޗާ ދިމާލުން ހުރަހަށް ހުދު ފަށެއް ހުރެއެވެ. ޖާޒީގެ އަތުގައި ހުދު ކުލައިގެ ތިން ފަށް ހުރެ އެވެ. އެއީ ކުރިން ބޭނުން ކުރި ޖާޒީގެ އަތުގައި ވެސް ހުންނަ ތިން ފަށެވެ.

ގައުމީ ޓީމުގެ އަވޭ ޖާޒީއަކީ މިފަހަރުވެސް ނޫކުލަ އެވެ. ކުރިން ގައުމީ ޓީމުން ބޭނުން ކުރި ޖާޒީއާ މާ ބޮޑު ތަފާތެއް، އެ ޖާޒީގައި ނެތެވެ. ނަމަވެސް ޖާޒީގެ ކޮނޑުން ހުދު ކުލައިގެ ތިން ފަށް ހުރެއެވެ. އަދި އަތުގެ ވަކި ހިސާބަކުން ހުންނަނީ ހުދު ކުލަ އެވެ.

އޭއެފްސީ ޖެލެންޖު ކަޕާ ދިމާކޮށް ސޮނީ ސްޕޯޓްސް އިން ވަނީ ގައުމީ ޓީމުގެ ޖާޒީ ވިއްކުމުގެ އާ ކެމްޕޭނެއް ވެސް ފަށައިފަ އެވެ. ގައުމީ ޓީމުގެ ރަތް ކުލައިގެ ޖާޒީ ލައިގެން ނަގާފައިވާ ފޮޓޯއެއް ފޭސްބުކް (އެޕްބީ)ގެ ޕްރޮފައިލް ފޮޓޯއެއް ލައިގެން 25،000ރ. ގެ އިނާމަކާއި އޭއެފްސީ ޗެލެންޖު ކަޕުގެ ވީއައިޕީ ޓިކެޓު ހޯދުމުގެ ފުރުސަތު ވެސް ސޮނީ ސްޕޯޓްސް އިން ވަނީ ހުޅުވާލާފަ އެވެ.