09 May 2014, 17:08
ޕްރޮސެކިއުޓާ ޖެނަރަލް އާއި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ބޭފުޅަކު ނެތި ޖިނާއީ ދައުވާތައް ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފް ކަމެއް ކަމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒަހީރު ވިދާޅުވެއްޖެ އެވެ.
މަހާޒު އޭނާގެ އަމިއްލަފުޅު ބްލޮގްގައި ވިދާޅުވެފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންނުކޮށް ޖިނާއީ ދައުވާތައް ކުރިއަށް ގެންދެވޭނެ ގާނޫނީ އުސޫލެއް ނެތް ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނަރަލް އާއި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ބޭފުޅަކު ނެތް ނަމަވެސް ޕީޖީ އޮފީހުގެ ވަކީލުންނަށް ކޯޓުތަކުގައި ދައުލަތް ތަމްސީލް ކުރެވިދާނެ ކަމަށް ވިދާޅުވެ ދައުލަތުގެ ބަންޑާރަނައިބް މުހައްމަދު އަނީލް ދެއްވާފައިވާ ގާނޫނީލަފައަށް ރައްދު ދެއްވައި މަހާޒް ވިދާޅުވީ ޖިނާއީ ދައުވާތަކަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުން ފަރުދީ ގޮތެއްގައި ކުރާ ދައުވާތަކެއް ނޫން ކަމަށެވެ. އަދި ޕީޖީ އޮފީހުގެ ވަކީލުން ދައުލަތް ތަމްސީލުކުރާކުރުމަކީ ގާނޫނުއަސާސީގެ 224 ވަނަ މާއްދާގެ ދަށުން ޕްރޮސެކިއުޓާ ޖެނެރަލް އޭނާގެ މަސްއޫލިއްޔަތު އަދާކުރުމަށް ދައުލަތް ތަމްސީލު ކުރުން ކަމަށް ގާޒީ މަހާޒު ވިދާޅުވި އެވެ.
ޕްރޮސެކިއުޓާ ޖެނަރަލް އާއި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ބޭފުޅަކު ނެތްހާލަތެއްގައި ޕީޖީ އޮފީހުގެ ވަކީލުން ކޯޓުތަކަށް ހާޒިރުވުމަށް އަންގައިގެން ހާޒިރު ނުވެއްޖެނަމަ އެ ވަކީލުންނާމެދު އެއްވެސް ފިޔަވަޅެއް އެޅިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަހާޒު ވިދާޅުވީ މައްސަލައެއްގައި ޒަރޫރީ ހާލަތެއް ގާނޫނީ ގޮތުން މެދުވެރިވާނީ ގާނޫނުތަކުން ލިބިދޭ އެންމެހައި ފަރުވާތަކެއް ހުސްވުމުން ކަމަށެވެ. އެހެން ކަމުން މިހާރު ދިމާވެފައިވާ މައްސަލައިގެ ހައްލަކީ ވީ އެންމެ އަވަހަކަށް ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހަށް ނަންފުޅެއް ފޮނުވައިގެން ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވިދާނެ ކަމަށާއި ރައްޔިތުންގެ މަޖިލީސް އޮތީ އެ މަސްއޫލިއްޔަތު އަދާނުކުރެވޭނެފަދަ ހާލަތެއްގައި ނޫންކަމަށެވެ. އަދި މަޖިލީހަށް ނަންފުޅެއް ފޮނުވުމުގެ ޒިންމާއަދާކުރަންޖެހޭ ފަރާތް ހުރީ އެކަމަށް ކުޅެދޭ ހާލަތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "ގާނޫނު ނުދަންނަ ތިންވަނަ ފަރާތަކާ" ޕީޖީގެ މަސްއޫލިއްޔަތު އެއްވެސް ހާލެއްގައި ހަވާލުކޮށްފި ނަމަ އެ މީހަކު ރައްޔިތުންނަށް ޖަވާބުދާރީވާނެ ގޮތެއް އަދި ޖަވާބުދާރީ ކުރުވާނެ ގޮތެއް ނޯންނާނެ ކަމަށެވެ.
"ގާނޫނު ނުދަންނަ ތިންވަނަ ފަރާތަކާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު [އެއްވެސް ހާލެއްގައި] ކޮށްފިނަމަ، އެމީހަކު ރައްޔިތުންނަށް ޖަވާބުދާރީވާނެ ގޮތެއް އަދި ޖަވާބުދާރީ ކުރުވާނެ ގޮތެއް ނޯންނާނެއެވެ. އެ ފާރަވެރިކަމަކީ، ރައްޔިތުންނަށް ޖަވާބުދާރީވުމުގެ މަފްހޫމުގެ އެންމެ ފުނުގައިވާ އަސާސެވެ. އެހެނީ ޕްރޮސިކިއުޓަރ ޖެނެރަލްއަކީ ޖިނާއީ ކަންކަމުގައި ރައްޔިތުން ތަމްސީލުކުރުމުގެ ސިފަ ގާނޫނުން ލިބިފައިވާ ހަމައެކަނި މަގާމެވެ. މީގެ އިތުރުން ޕްރޮސިކިއުޓަރ ޖެނެރަލްއަކީ ޖިނާއީ މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ދައޔވާކުރުމުގެ ސިފަ ގާނޫނީ ގޮތުން ލިބިފައިވާ މީހަކަށްވެފައި، އެ މަގާމަށް މީހަކު ޢައްޔަންކުރެވޭނެ ފުރުސަތު އޮވެމެ، އެސިފަ އެހެން މީހަކަށް ބަދަލުކުރެވޭނެ ޟަރޫރަތެއް އަދި ކުރިމަތިވެފައިނުވެއެވެ،" މަހާޒު ވިދާޅުވި އެވެ.