09 May 2014, 14:21
އަބޫޖާ (މޭ 9): ނައިޖީރިޔާގެ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމް ޖަމާއަތާ ދެކޮޅަށް މިހާތަނަށް ނާޅާވަރުގެ ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ އިންޒާރު އެގައުމުގެ ރައީސް ގުޑްލަކް ޖޮނަތަން ދެއްވައިފި އެވެ.
އަބޫޖާގައި އިއްޔެ ފެށުނު ދުނިޔޭގެ އިގްތިސާދީ ފޯރަމްގައި ވާހަކަ ދައްކަވަމުން ޖޮނަތަން ވިދާޅުވީ، ބޯކޯ ހަރާމް ޖަމާއަތުން ހިންގާފައިވާ ނައިޖީރިޔާގެ 200 އަށްވުރެ ގިނަ އަންހެންކުދިން ވަގަށް ނެގުމުގެ ޖަރީމާއަށްފަހު އެޖަމާއަތާމެދު ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި މިގެނައި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން ބޯކޯ ހަރާމް ޖަމާއަތް ވަރަށްބޮޑަށް ބަލިކަށި ކޮށްލެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމުގައި ޖޮނަތަން ވިދާޅުވި އެވެ.
ބޯކޯ ހަރާމް ޖަމާއަތުގެ ހަނގުރާމަވެރިން މިދިޔަ އެޕްރީލް މަހުވަނީ ނައިޖީރިޔާގެ އަންހެންކުދިންގެ ބޯޑިންގް ސުކޫލަކަށް ހަތިޔާރާއެކު ވަދެ 276 އަށްވުރެ ގިނަ އަންހެންކުދިން ވަގަށްނަގައިފަ އެވެ. ވަގަށް ނެގި ކުދިންގެ ތެރެއިން 53 ކުއްޖަކު ފިލައިގެން އެ ޖަމާއަތުގެ ކިބައިން ސަލާމަތްވެފައިވާ އިރު އަދިވެސް 223 ކުއްޖަކު ވަނީ އެޖަމާއަތުގެ އަތްދަށުގަ އެވެ.
ވަގަށް ނަގާފައިވާ އަންހެންކުދިންތައް އަޅުންގެ ގޮތުގައި ވިއްކާލާނެ ކަމުގެ އިންޒާރު ބޯކޯ ހަރާމް ޖަމާއަތުން ދިނުމާއެކު އެމެރިކާ ޗައިނާ އަދި ޔޫރަޕްގެ ބޮޑެތި ގައުމުތަކުންވަނީ ވަގަށްނަގާފައިވާ އަންހެންކުދިން ހޯދުމުގައި ނައިޖީރިޔާ ސަރުކާރަށް އެހީތެރިވާނެކަން ހާމަކޮށްފަ އެވެ.
ނަމަވެސް ބޯކޯ ހަރާމް ޖަމާއަތަކީ އިސްލާމް ދީނާއި މުސްލިމުންގެ ނަން ހުތުރުކުރަން މަސައްކަތްކުރާ ހައްދުފަހަނަޅާފައިވާ ޖަމާއަތަކަށްވެފައި އެޖަމާއަތުން ހިންގަމުން ގެންދާ ގަތްލުއާންމުތަކާއި ބޮންގޮއްވުމުގެ ހަމަލާތަކުގައި މިދިޔަ އަހަރުވެސް ނައިޖީރިޔާއިން ދޮޅު ހާހެއްހާ މީހުން މަރުވެފައިވާއިރު ނައިޖީރިޔާ ސަރުކާރުން އެޖަމާއަތާ ދެކޮޅަށް މާބޮޑު ފިޔަވަޅެއް އަޅާފައިނުވާ މައްސަލައިގައި އެގައުމުގެ މުސްލިމުންނާއި ނަސާރާއިންވެސް ގެންދަނީ ސުވާލު އުފައްދަމުންނެވެ. އަދި ބޯކޯ ހަރާމް ޖަމާއަތަށް ބޭނުންވާ ފައިސާ އާއި ހަތިޔާރު ހޯދަމުންދާ ގޮތްތަކާމެދުވެސް ސުވާލު އުފެދިފައިވާއިރު ބައެއް ގައުމުތަކުގެ ޖާސޫސީ އިދާރާތަކާއި އެޖަމާއަތާ ދެމެދު ސިއްރު ގުޅުންތައް އޮންނަކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.
ބޯކޯ ހަރާމް ޖަމާއަތުގެ ވެރިޔާ އަބޫބަކުރު ޝެކައޫ ވަނީ އަންހެންކުދިން ކިޔަވާނަމަ އެކުދިން ވަގަށްނަގާނެ ކަމުގެ އިންޒާރު ދީފައެވެ. ޝެކައޫ ވަނީ އަންހެންކުދިންނަކީ ކިޔަވަންޖެހޭ ބައެއްނޫން ކަމަށާ އަންހެންކުދިންނަކީ ހަމައެކަނި މީހުންނާއިނުމަށް ތިބޭ ބައެއް ކަމަށް ސިފަކޮށް އޭނާގެ ޖަމާއަތުން ވަގަށްނަގާފައިވާ އަންހެންކުދިންތައް އަޅުންގެ ގޮތުގައި ވިއްކާލާނެ ކަމުގެ އިންޒާރު ދީފައެވެ. (ނޫސްއެޖެންސީތައް)