ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ދެވޭ އެންމެ ޝަރަފުވެރި އަދި އެންމެ ބޮޑު އެވޯޑް ކަމުގައިވާ މޯލްޑިވްސް ޓްރަވެލް އެވޯޑްސް 2014 ގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރު ކަމަށް ސަން އޮންލައިން ހަމަޖައްސައިފި އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރަވެލް އެޖެންޓްސް އެންޑް ޓުއައޮޕަރޭޓާސް (މަޓާޓޯ) ގެ ފަރާތުން 2012 ވަނަ އަހަރު ތައާރަފު ކުރި މި އެވޯޑުގައި 23 އަށްވުރެ ގިނަ ކެޓެގަރީން އެވޯޑުތައް ދެވެ އެވެ. އޭގެ ތެރޭގައި އޭވިއޭޝަން އަދި ޓްރާންސްޕޯޓް، ރިސޯޓު، ހޮޓާ، ގެސްޓް ހައުސް، ވެލްނެސް، ލައިވް ބޯޑްސް، ޑައިވިން އަދި ސާފިން ފަދަ ދާއިރާތައް ހިމެނެ އެވެ.

ރާއްޖޭގެ މުޅި ޓޫރިޒަމް އިންޑަސްޓްރީގެ ހިއްސާ އާއި ބައިވެރިވުން މޯލްޑިވްސް ޓްރަވެލް އެވޯޑަށް ލިބިގެން ގޮސްފައިވާ އިރު، އެންމެ ފުރަތަމަ މި އެވޯޑް 2012 ވަނަ އަހަރު ބާއްވާފައިވަނީ ޕެރެޑައިސް އައިލެންޑް އެންޑް ސްޕާ ރިސޯޓުގަ އެވެ. ދެވަނަ އެވޯޑް ނައިޓް ބާއްވާފައި ވަނީ މިދިޔަ އަހަރު އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓުގަ އެވެ.

ރާއްޖޭގައި މި ފަދަ އިވެންޓްތައް އެންމެ ފުޅާ ދާއިރާއެއްގައި މެނޭޖް ކުރާ، އަދި މޯލްޑިވްސް ޓްރަވެލް އެވޯޑް ގެ ވެސް އިވެންޓް މެނޭޖަރ ކަމަށްވާ ހައިރައިޒްގެ އެގްޒެކެޓިވް ޑައިރެކްޓަރު މޫސާ އިޒްމީލް ވިދާޅުވި ގޮތުގައި މި އަހަރު މި ހަފުލާ އޮންނާނީ ކުރުނބާ މޯލްޑިވްސްގަ އެވެ. އެއީ މި އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.

މޯލްޑިވްސް ޓްރަވެލް އެވޯޑްސް 2014 ގެ މެއިން ސްޕޮންސާ އަކީ އިބްރާހީމް ނާސިރް އިންޓަނޭޝަން އެއާޕޯޓެވެ. ކޯ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އެލައިޑް އިންޝުއަރެންސާއި އެސްޓީއޯގެ ފަރާތުން ފިލިޕްސް ބްރޭންޑާއި ދަ ހޯކްސް އަދި ފްލައިމީ އެވެ. އެސޯޝިއޭޓް ޕާޓްނަރުންނަކީ ވައިޓްޝޭޑާއި ޓީއެމްއޭ އެވެ. މީޑިއާ ޕާޓްނަރުންގެ ތެރޭގައި އެމްބީސީ، ސަން އޮންލައިން، އޭޝިއަން ޖޯގްރެފިކް ޕާސްޕޯޓު، އޭޝިއަން ޑައިވަރ، ސްކޫބާ ޑައިވަރ އޮސްޓްރޭލިއާ، ފްލޯޓިން އޭޝިއާ، ވިސިޓިން ގައިޑް އަދި މޯލްޑިވްސް ޑޮޓް ނެޓް ޑޮޓް އެމްވީ ހިމެނެ އެވެ. ބޭވަރޭޖް ޕާޓްނަރުންނަކީ ބޮނަކުއާ އަދި ކޮކާ ކޯލާ އެވެ. ޓެކްނޮލޮޖީ ޕާޓްނަރަކީ ސެމިކޮލޮން އެވެ.

ހައިރައިޒްގެ ފަރާތުން ވިދާޅުވި ގޮތުގައި މި އެވޯޑުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހު ހަމަ ވާނެ އެވެ.

މޯލްޑިވްސް ޓްރަވެލް އެވޯޑްސް ގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖެހުމާ ގުޅިގެން ސަން އޮންލައިނުން މި އިވެންޓުގެ އިތުރު ޚަބަރު ތަކާއި ޚާއްސަ ކަވަރޭޖްތައް ކިޔުންތެރީންނާ ހަމަޔަށް ގެނެސްދޭނެ އެވެ.