ލަންޑަން (މޭ 9): އިނގިރޭސިވިލާތުގެ ކަނޑުގެ ސަރަހައްދާ ގާތްވަމުންދާ ރަޝިޔާގެ މަތިންދާބޯޓު އުފުލާ މަނަވަރެއްގެ ހަރަކާތްތައް ބެލުމަށް އިނގިރޭސި ކަނޑުގެ ސިފައިންގެ މަނަވަރެއް އުތުރު ކަނޑަށް ފޮނުވައިފިކަމަށް އިނގިރޭސި ދިފާއީ ވުޒާރާއިން ބުނެފި އެވެ.

އިނގިރޭސި ދިފާއީ ވުޒާރާގެ ތަރުޖަމާނަކު ވިދާޅުވީ، ރަޝިޔާގެ މަތިންދާބޯޓު އުފުލާ ބިޔަ މަނަވަރު "އެޑްމިރަލް ކޮޒްނެތްސޯވް" ގެ ހަރަކާތްތައް ބެލުމަށް އިނގިރޭސި ކަނޑުގެ ސިފައިންގެ މަނަވަރު ޑްރެގަން ފޮނުވަންޖެހުނީ ރަޝިޔާގެ މަނަވަރު އިނގިރޭސި ކަނޑުގެ ސަރަހައްދާ ގާތްވަމުންދާ މިންވަރު ދެނެގަތުމަށްޓަކައި ކަމަށެވެ.

ރަޝިޔާގެ މަތިންދާބޯޓު އުފުލާ މަނަވަރަކީ 26 މަތިންދާ ބޯޓާއި 24 ހެލިކޮޕްޓަރު ހިމެނޭގޮތަށް އެއާޕޯޓަކާއެކު ތައްޔާރުކޮށްފައިވާ އަދި ނިއުކްލިޔާ ހަކަތައިން ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރެކެވެ.

މެދުތެރޭ ކަނޑުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު އެމަނަވަރު ދަތުރުކުރަމުން ދަނީ ރަޝިޔާގެ ހުޅަނގު އުތުރުގައިވާ ކަނޑުގެ އަސްކަރީ ބަނދަރަކަށް ކަމަށް ރަޝިޔާއިން ބުނެއެވެ.

ރަޝިޔާގެ މަނަވަރު އިނގިރޭސި ކަނޑުގެ ސަރަހައްދާ ގާތްވަމުންދާކަމަށް އިނގިރޭސި ދިފާއީ ވުޒާރާއިން ބުނެފައި މިވަނީ ޔުކްރޭންގެ މައްސަލައިގައި ހުޅަނގާއި ރަޝިޔާއާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ދުވަސްވަރެއްގަ އެވެ.

އިނގިރޭސިވިލާތުން ޔުކްރޭންގެ މައްސަލައިގައި ރަޝިޔާއަށް ވަރަށްބޮޑަށް ފާޑުކިޔަމުން ދާތީ ދެގައުމުގެ ގުޅުންތައްވަނީ ގޯސްވެފަ އެވެ. (ބީބީސީ)