ވޮޝިންޓަން (މޭ 9) : ޗައިނާގެ ކުރިއަރަމުންދާ އިގްތިސާދާއެކު ދުނިޔޭގެ ކަންކޮޅުތަކުން އެމެރިކާގެ ބާރާއި ނުފޫޒު ކުޑަވަމުންދާކަމަށް ކަމާބެހޭ ރިޕޯޓެއް ބުނެފި އެވެ.

އެމެރިކާގެ ނޫހެއް ކަމަށްވާ ވޮޝިންޓަން ޕޯސްޓްގައި ޝާއިޢުކޮށްފައިވާ މިރިޕޯޓް ބުނާގޮތުން ހަލުއިކަމާއެކު ކުރިއަރަމުންދާ ޗައިނާގެ އިގްތިސާދާއެކު ކުރިޔަށްއޮތް ހަތަރު ވަރަކަށް އަހަރު ތެރޭގައި އެމެރިކާ ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދީ ބާރުކަމުގައި ޗައިނާ ވެގެންދާނެ އެވެ.

ވޯލްޑް ބޭންކުން ނެރެފައިވާ އިގްތިސާދީ ޑާޓާތަކާއި ލަފާކުރުންތަކަށް ބަލާއިރު 2016 އަހަރު ތެރޭގައި ޗައިނާ އިންތިސާދީ ގޮތުން އެމެރިކާއާ ފައިހަމަކޮށް 2017 ވަނަ އަހަރު ނިމުމުގެ ކުރިން އެމެރިކާ ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ އެއްވަނަ އިގްތިސާދީ ބާރުގެ މަގާމު ޗައިނާއިން ހޯދާނެ އެވެ. 2017 ގައި ދުނިޔޭގެ އެއްވަނަ އިގްތިސާދުގެ މަގާމުން އެމެރިކާ އެއްފަރާތް ކުރުމަށްފަހު ޗައިނާ އެމަގާމު ހޯދުމުން ދުނިޔޭގެ އިގްތިސާދީ އަދި ސިޔާސީ އާރާއި ބާރާއި ނުފޫޒު ޔޫރަޕާއި އެމެރިކާއިން އިރުމަތީ އޭޝިޔާއަށް ބަދަލުވެގެންދާނެ ކަމަށް ވޮޝިންޓަން ޕޯސްޓްގައި ޝާއިޢުކޮށްފައިވާ ރިޕޯޓް ބުނެއެވެ.

ގައުމީ އުފެއްދުންތެރިކަމާއި އާމްދަނީއަށް ބަލާއިރު މިއަހަރު ތެރޭގައި އެމެރިކާގެ ގައުމީ އާމްދަނީ 17 ޓްރިލިޔަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ބެލެވިފައިވާއިރު ޗައިނާގެ ގައުމީ އާމްދަނީ 14 ޓްރިލިޔަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށްވަނީ އަންދާޒާ ކުރެވިފަ އެވެ.

އެމެރިކާގެ އިގްތިސާދީ ކުރިއެރުމަށްވުރެ ޗައިނާގެ އިގްތިސާދީ ކުރިއެރުން ދެގުނަ މަތީގައި އުޅޭއިރު ދެގައުމުގެ ދެމެދުގައި މިހާރުއޮތް ގައުމީ އާމްދަނީގެ ފަރަގު ކުރިޔަށްއޮތް ތިން އަހަރު ތެރޭގައި ނެތިގެންދާނެ ކަމަށްވަނީ އަންދާޒާ ކުރެވިފަ އެވެ. މިއާއެކު 2017 ވަނައަހަރު ނިމޭއިރު އެމެރިކާގެ ގައުމީ އާމްދަނީއަށްވުރެ ޗައިނާގެ ގައުމީ އާމްދަނީ އެތަށް ބިލިޔަން ޑޮލަރަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވިފައިވާ ކަމަށްވެސް ޓައިމް މަޖައްލާގައި ޝާއިޢުކޮށްފައިވާ އެހެން ރިޕޯޓެއް ބުނެއެވެ.

ޗައިނާގެ އިގްތިސާދީ ކުރިއެރުންތަކަށް ބަލާއިރު ޗައިނާގެ ބޮޑުވަޒީރު ލީ ކިޗްޔާންގް ވަނީ ކުރިޔަށްއޮތް ފަސް އަހަރު ތެރޭގައި އެފްރިކާއާއި ޗައިނާއާ ދެމެދު ކުރެވޭ އިގްތިސާދީ އަދި ވިޔަފާރީގެ މުޢާމަލާތްތައް ހަތަރު ސަތޭކަ ބިލިޔަން އެމެރިކާ ޑޮލަރަށް މައްޗަށް ގެންދިޔުމަށް ވައުދުވެވަޑައިގެންފަ އެވެ. މިއީ އެމެރިކާއާއި އެފްރިކާ އާދެމެދު ކުރެވޭ އިގްތިސާދީ އަދި ވިޔަފާރީގެ މުޢާމަލާތްތަކަށްވުރެ ދެގުނަ ބޮޑު އަދަދެކެވެ. އަދި ޗައިނާއިން އެފްރިކާގެ ގައުމުތަކަށް ކުރިޔަށްއޮތް ފަސްއަހަރު ތެރޭގައި 12 ބިލިޔަން އެމެރިކާ ޑޮލަރުގެ ލޯން އެހީ ދިނުމަށް ވައުދުވެފައިވާއިރު އެމެރިކާއާއި ވިލާތުގެ ގައުމުތަކުން އެފްރިކާއަށް ދީފައި ނުވާވަރުގެ ޓެކްނޮލޮޖީގެ އެހީތައްވެސް ޗައިނާއިން އެފްރިކާއަށް ދެމުންގެންދާ ކަމަށް ޓައިމް މަޖައްލާގެ ރިޕޯޓް ބުނެއެވެ.