މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު މާރާމާރީގެ މައްސަލަތައް ހަތް ޕަސެންޓަށް ދަށްވެ، މަސްތުވާތަކެތީގެ މައްސަލަތައް 14 ޕަސެންޓަށް އިތުރުވެއްޖެ އެވެ.

ފުލުހުންނަށް މައްސަލައެއް ހުށަހެޅުމާއެކު ވަގުތުން އަޕްޑޭޓްވަމުންދާ ފުލުހުންގެ ވެބްސައިޓުގެ ކުށުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހާ އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ކުށުގެ މައްސަލަތައް ވަނީ ތިން ޕަސެންޓަށް އިތުރުވެފަ އެވެ. މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު 6،155 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ފުލުހުންނަށް ހުށަހަޅާފައި ވަނީ 5،978 މައްސަލަ އެވެ.

މިއަހަރު ފުރަތަމަ ހަތަރު މަސް ދުވަހު މާރާމާރީގެ މައްސަލަތަށް ނިސްބަތުން މަދެއް ނުވެ އެވެ. ޖެނުއަރީ މަހު މާރާމާރީގެ 100 މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާއިރު، ފެބްރުއަރީ މަހު ވެސް މާރާމާރީގެ 107 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. އަދި ޖެހިގެން އައި މާޗް މަހު އެ އަދަދު ދެ ގުނައަށް އިތުރުވެ، 108 މާރާމާރީގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. އަދި މިދިޔަ އެޕްރީމް މަހު ވެސް މާރާމާރީގެ 107 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުން ދައްކަ އެވެ.

މިއަހަރު ފުރަތަމަ ހަތަރު މަސް ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ޖުމްލަ 422 މައްސަލަ މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހާ އަޅާ ބަލާއިރު، ހަތް ޕަސެންޓު ދަށެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު މާރާމާރީގެ 454 މައްސަލަ ފުލުހުންނަށް ހުށަހަޅައި ތަހުގީގު ކުރަން ފަށާފައިވެ އެވެ.

މާރާމާރީގެ މައްސަލަތައް ހަތް ޕަސެންޓް މިއަހަރު މަދުވި ކަމުގައި ވިޔަސް، ތަފާސް ހިސާބުން ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ވަނީ މަސްތުވާތަކެތީގެ މައްސަލަތައް 14 ޕަސެންޓަށް އިތުރުވެފަ އެވެ. މިއަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ 1402 މައްސަލައެއް ތަހުގީގު ކުރަން ފަށާފައިވާއިރު، މިދިޔަ އަހަރު ފުރަތަމަ ހަތަރު މަސް ދުވަހު އެ އަދަދު އުޅެނީ 1211 ގަ އެވެ.