09 May 2014, 00:37
މިދިޔަ އަހަރު ދިރާގުގެ އާމްދަނީގެ ސާފު ފައިދާ ހަތް ޕަސެންޓަށް އިތުރުވެ، ހިއްސާއަކަށް 5.73 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ.
ޓްރޭޑާސް ހޮޓަލުގައި މިރޭ ބޭއްވި ދިރާގުގެ މިދިޔަ އަހަރުގެ އާންމު ޖަލްސާގައި ހިއްސާދާރުންގެ އަގުލަބިއްޔަތުން ފާސްކޮށްފައި ވަނީ މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު 483 މިލިއަން ރުފިޔާގެ ތެރެއިން ކޮންމެ ހިއްސާއަކަށް 5.73 ރުފިޔާ ބެހުމަށެވެ.
ނިމިދިޔަ މާލީ އަހަރުގެ ނުވަ މަސް ދުވަހުގެ އާމްދަނީގެ ގޮތުގައި ދިރާގަށް 1.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެނުއަލައިޒްކޮށް ބަލާއިރު ސާފު ފައިދާގެ ގޮތުގައި 642 މިލިއަން ރުފިޔާ ޖެހެ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 43 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަދި އެއީ ސާފު ފައިދާގެ ހަތް ޕަސެންޓު ކުރިއެރުމެކެވެ.
އޭގެ ކުރީ އަހަރު، 2012ގައި ދިރާގަށް ފައިދާއަށް ލިބުނީ 598.6 މިލިއަން ރުފިޔާ އެވެ. އަދި ހިއްސާއަކަށް 2012 ވަނަ އަހަރު ބަހާފައި ވަނީ 4.94 ރުފިޔާ އެވެ.
ދިރާގުގެ 25 ވަނަ އަހަރީ އާންމު ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑަށް އާންމު މެމްބަރުންގެ ފަރާތުން، އަހަރު ދުވަހަށް މެމްބަރަކު ވަނީ އައްޔަންކޮށްފަ އެވެ. ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައި ވަނީ އިމްރާން އަލީ އެވެ. އޭނާ އައްޔަން ކުރީ 575 ޕްރޮކްސީ ވޯޓުންނެވެ.
ދިރާގުގެ މެޖޯރިޓީ ހިއްސާ އޮތް ކޭބަލް އެންޑް ވަޔަލަސް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޑެޓް (ސީޑަބްލިޔުސީ) އިން އެ ކުންފުނީގެ މިލްކިއްޔާތުގައިވާ ދިރާގުގެ 52 ޕަސެންޓް ހިއްސާ، ބަހުރެއިންގެ ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ ބަޓެލްކޯ ގްރޫޕަށް ވިއްކާލީ މިދިޔަ އަހަރުގެ އެޕްރީން ތިނެއްގަ އެވެ.
ދިރާގުގައި މިހާރު ދިވެހި ސަރުކާރުގެ 41.8 ޕަސެންޓް ހިއްސާ އޮތްއިރު، އާންމު ހިއްސާދާރުންގެ ހަ ޕަސެންޓް ހިއްސާ އެ ކުންފުނީގައި އޮވެ އެވެ.