08 May 2014, 23:32
ގިނައަދަދެއްގެ ބަނގުރާ ފުޅިތަކަކާ އެކު ކަނޑުމަތިން ބަޔަކު ހައްޔަރު ކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު އިރުއޮއްސި 6:30 ކަންހާއިރު ބަނގުރާ ފުޅިތައް އަތުލައިގެންފައި ވަނީ "ސަވާރީ 1" ނަމަކަށްކިޔާ ދޯންޏަކުން ކަމަށެވެ.
ކަނޑުމަތީގައި އޮތް އެ ދޯންޏަށް ފުލުހުން ދިޔައިރު ރިސޯޓެއްގެ ނަމުގައި ބޮންޑެޑް ވެއާހައުސްއަކުން ނަގާފައިވާ ބަނގުރާ ކޭސްތަކެއް ބަންދުކުރަން ފަސް ދިވެހި ފިރިހެނުން ތިބި ކަމަށާއި އެ އެންމެން ވެސް ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ އޮޕަރޭޝަންގައި 20 ބަނގުރާ ކޭސް އަތުލައިގެންފައިވާ ކަމަށާއި އޭގެތެރޭގައި ޖުމްލަ 240 ބަނގުރާ ފުޅި ހުރި ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ސަވާރީ އެކަކުން ބަޔަކު ހައްޔަރު ކުރިއިރު އެދޯނި އަތުލައިގަތީ ކިހާ ހިސާބަކުންކަން ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.