މުވާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބަލިމީހާއާ ގުޅޭ ސިއްޚީ މައުލޫމާތާއި އިރުޝާދުތައް އެއްތަނުން އަނެއް ތަނަކަށް ފޮނުވައި، ބަލި މީހުންނަށް ފަރުވާދިނުމަށް ބޭނުންކުރާ ޓެލެމެޑިސިން ސިސްޓަމެއް ދިރާގުން ހެލްތު މިނިސްޓްރީ އަށް ހަދިޔާކޮށްފި އެވެ.


ނަސަންދުރާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ދިރާގުން ހަދިޔާކުރި "ޓޯޓަލް ސޮލިއުޝަން" ޓެލެމެޑިސިން ސިސްޓަމްގެ ރަމްޒީ ފިލާއާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓާ ޑރ. އައިމިނަތު ޖަމީލެވެ.


ދިރާގުން ހަދިޔާކުރި ޓެލެމެޑިސިން ސިސްޓަމްގައި، ބަލިމީހާގެ ސިއްޚީ މައުލޫމާތު ނެގުމަށް ޑޮކްޓަރުން އާއްމުކޮށް ބޭނުންކުރާ ހުރިހާ އިކުއިޕްމަންޓްތަކެއް ހިމެނޭ 'އިންޓިގްރޭޓެޑް ޓެލެމެޑިސިން ކިއޯސްކް" އަކާއި އެއް ތަނުން އަނެއް ތަނަށް ގެންގޮސް، ބަލިމީހާ އަށް ފަރުވާދިނުމަށް ބޭނުންކުރެވޭނެ މޯބައިލް ސިސްޓަމެއް ވެސް ހިމެނެ އެވެ.


ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖާ މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ، އެ ސިސްޓަމްގެ އިކުއިޕްމަންޓްތައް ހޯދުމަށާއި އިންސްޓޮލޭޝަންގެ އިތުރުން ސޮފްޓްވެއާއާއި އެހެނިހެން ޚަރަދުތަކަށް ގާތްގަނޑަކަށް 2،032000ރ. ޚަރަދުވާނެ ކަމަށެވެ.


ޑރ. އައިމިނަތު ޖަމީލު ވިދާޅުވީ، ޓެލެމެޑިސިން ޓެކްނޮލޮޖީއަކީ ސިއްޚީ ދާއިރާއަށް މިވަގުތު ވަރަށް ބޭނުންވާ، ރާއްޖެ އަށް އެކަށީގެންވާ ޚިދުމަތެއް ކަމަށެވެ. އަދި ޓެލެމެޑިސިންގެ އިތުރު ދެ ޕްރޮޖެކްޓެއް ހެލްތު މިނިސްޓްރީން ފަށާފައިވާކަން ވެސް މިނިސްޓާ ފާހަގަކުރެއްވި އެވެ.


"ރާއްޖެ ބެހިފައި އޮތް ގޮތުން މި ޓެލެމެޑިސިން ޓެކްނޮލޮޖީ އަކީ އަޅުގަނޑުމެންނަށް ވަރަށްވެސް އެކަށީގެންވާ ޓެކްނޮލޮޖީއެއް.. ދެން މީގައި އެބައޮތް މިހާރު ވެސް ފެށިފައި އޮތް ދެ ޕްރޮޖެކްޓެއް. އެއީ އިންޓަނޭޝަނަލް ހިއުމަން ޑިވެލޮޕްމަންޓް ޕްރޮޖްކްޓުގެ ދަށުން ވެސް ޓެލެމެޑިސިން ޕްރޮޖެކްޓެއް ފެށިފައިވޭ. އަދި އަޅުގަނޑުމެންނަށް ޚަލީފާ ފައުންޑޭޝަންގެ ދަށުން ވެސް މިހާރުވަނީ ޕްރޮޖެކްޓެއް ފެށިފައި..އެހެންނަމަވެސް، އެކަންކަން ކުރިއަށްދާއިރު އަޅުގަނޑުމެންނަށް ކުއްލިއަކަށް ވާހަކަދައްކާލެވިފައި މިފަދަ ގޮތަކަށް އަޅުގަނޑުމެންނަށް އެ [ޓެލެމެޑިސިން ސިސްޓަމް] ހަގީގީ ސިފައަކަށް ގެނެސްދިން ކުންފުންޏަށް އަޅުގަނޑުމެން ހަމަ ސާބަސް ދަންނަވަމޭ،" މިނިސްޓާ ވިދާޅުވި އެވެ.


އަދި ދިރާގު މިސާލަކަށް ބަލައިގެން އިޖްތިމާއީ ޒިންމާ އުފުލުމަށް އެހެނިހެން ކުންފުނިތަކަށް މިނިސްޓާ ގޮވާލެއްވި އެވެ.


ދިރާގުގެ ޗީފް އެގްޒެކެޓިވް އިސްމާއިލް ރަޝީދު ވިދާޅުވީ، ދިރާގަކީ ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރާފައިވާ ކުންފުންޏަކަށްވާއިރު، މުވާސަލަތީ ރޮނގުން ޓެލެމެޑިސިން ފަދަ އާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސަޕޯޓްދިނުމަކީ އެކުންފުނީގެ ޒިންމާއެއް ކަމަށެވެ. އަދި "އިޖްތުމާއީ ކަމެއްގެ ގޮތުގައި" ދިރާގުން މިއަދު ހަދިޔާކުރި ސިސްޓަމް ބަލައިގަތުމަށް ވެސް އެދިވަޑައިގަތެވެ.


ގދ. ތިނަދޫގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ އެ ސިސްޓަމް މެދުވެރިކޮށް، އެ ރަށުގައި ހުންނަ ބަލިމީހަކަށް އައިޖީއެމްއެޗްގައި ހުންނަވާ ޑޮކްޓަރަކަށް ފަރުވާދެވޭނެ އެވެ. އެއީ އެ ސިސްޓަމްގައި ހުންނަ މެޑިކަލް އިކުއިޕްމަންޓުތަކުން ނަގާ މައުލޫމާތު އިންޓަނެޓް މެދުވެރިކޮށް، ވަގުތުން އައިޖީއެމްއެޗްގައި ހުންނަ ޑޮކްޓަރަކަށް ޓްރާންސްފާކުރުމުން، ބަލިމީހާއަށް އިރުޝާދު ދެވޭނެ ނިޒާމް ސިސްޓަމް މެދުވެރިކޮށް ގާއިމްކޮށްފައިވާތީ އެވެ. ވީޑިއޯ ކޮންފަރެންސިން ވެސް ހެދޭ އެ ސިސްޓަމް މެދުވެރިކޮށް، އައިޖީއެމްއެޗްގައި ހުންނަވާ ޑޮކްޓަރަކަށް ރިމޯޓް ކޮންޓްރޯލް ބޭނުންކޮށްގެން، ތިނަދޫގައި ބަހައްޓާ ޓެލެމެޑިސިން ކިއޯސްކް ކޮންޓްރޯލްކޮށް، ބަލިމީހާއަށް ޑައޮގްނޯސް ކުރެވެ އެވެ.