ޕްރޮސެކިއުޓާ ޖެނެރަލާއި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ނެތް ހާލަތެއްގައި ޕީޖީ އޮފީހުގެ ހިންގުން އެތަނުގައި ހުރި ޕްރޮސެކިއުޝަން ދާއިރާގެ އެންމެ އިސް ބޭފުޅަކާ ހަވާލު ކުރެވިދާނެ ކަމަށް ބަންޑާރަ ނާއިބް ދެއްވާފައިވާ ލަފާ ގާނޫނާއި ތައާރަޒުވާ ކަމަށް މޯލްޑިވްސް ބާ އެސޯސިއޭޝަނުން ބުނެފި އެވެ.

ބާ އެސޯސިއޭޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ކޯޓުތަކުގައި ހިނގާ ޖިނާއީ މައްސަލަތަކުގައި ދައުލަތް ތަމްސީލުކުރާ ފަރާތަކީ ޕްރޮކިއުޓާ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއް ކަމުގައި ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ޖިނާއީ މައްސަލަތަކުގައި ދައުލަތް ތަމްސީލުކުރާނެ ފަރާތް ކަނޑައެޅުމުގެ ގާނޫނީ ބާރު ލިބިފައިވާ ޕްރޮސެކިއުޓާ ޖެނެރަލް އަދި އޭނާ ނެތް ހާލަތެއްގައި އެ މަސްއޫލިއްޔަތު އުފުލަންޖެހޭ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ވެސް ނެތް ދަނޑިވަޅެއްގައި ޕީޖީ އޮފީހުގެ ވަކީލުންނަށް ކޯޓުތަކަށް ވަޑައިގެން ޕްރޮސެކިއުޓާ ޖެނެރަލް ތަމްސީލު ކުރެވިދާނެ ކަމަށް އެ އެސޯސިއޭޝަނުން ނުދެކޭ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަކީ ގާނޫނު އަސާސީގެ ދަށުން ގާއިމްކޮށްފައިވާ މިނިވަން މުސްތަގިއްލު މަގާމެއް ކަމަށާއި، ސަރުކާރުގެ އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވައި އެ އޮފީހުގެ ވަކީލުންނަށް ކޯޓުތަކަށް ހާޒިރުވުމަށް އެންގުމަކީ ދައުލަތުގެ މުސްތަގިއްލު މަގާމެއްގެ މިނިވަންކަމަށް އަރައިގަތުންކަމަށް އެ އެސޯސިއޭޝަނުން ދެކޭކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، ޖިނާއީ އަދުލުގެ ނިޒާމަށް ދިމާވެފައިވާ މި ހުސްކަން ފިލުވޭނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކޮށްގެން ކަމަށާއި އެހެންކަމުން އެކަން ކުރުމުގެ މަސްއޫލިއްޔަތު ގާނޫނު އަސާސީން މަތިކޮށްފައިވާ ފަރާތްތަކުން އެ މަސައްކަތް ވީހާވެސް އަވަހަކަށް ކުރުމަށް ބާ އެސޯސިއޭޝަނުން ގޮވައިލާ ކަމަށެވެ.

ބާ އެސޯސިއޭޝަނުން އެގޮތަށް ބުނާއިރު އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވެފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލާއި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ނެތްކަމުގައި ވިޔަސް ޕީޖީ އޮފީހުގެ ވަކީލުން ކޯޓުތަކަށް ވަޑައިގެން ދައުލަތުގެ ނަމުގައި ވަކާލާތު ކުރުމަށް އެއްވެސް ހުރަހެއް ނެތްކަން ސުޕްރީމް ކޯޓުން މީގެކުރިން ނެރެފައިވާ ކޯޓުއަމުރަކުން އެނގޭ ކަމަށެވެ.