08 May 2014, 21:24
ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބައެއް ތަކެތި ގަތުމަށްޓަކައި، އެއް މިލިއަން ރުފިޔާ ހޯދުމަށް ފެށި "އެޓޯލް ޗެލެންޖް"، ދަތުރު ކާމިޔާބު ކަމާއި އެކު ނިންމާލައިފި އެވެ.
މިދިޔަ އާދީއްތަ ދުވަހު ކުރެއްދޫ އައިލެންޑް ރިސޯޓުން ފެށި އެ ދަތުރުގައި ބައިވެރިން ވަނީ ޅ. އަތޮޅު ވަށައި ކަޔެކްތަކެއްގައި ފަލިޖަހައިގެން ގާތްގަނޑަކަށް 165 ކިލޯ މީޓަރު އެ ދަތުރު މިއަދު ނިންމާލައިފަ އެވެ.
ތެލެސީމިއާ ކުދިންނަށް ބޭނުންވާ 50 ޑެސްފެރަލް ޕަންމްޕު ގަތުމަށްޓަކައި އެއް މިލިއަން ރުފިޔާ (67,000 ޑޮލަރު) ހޯދުމަށް ފެށި ދަތުރުގައި ބައިވެރިވެފައިވަނީ ހަ މީހެކެވެ.
އެ ދަތުރުގައި ޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ އަބްދުﷲ މުއީން އަދި ޔާފިސް އަބްދުﷲ އާއި ކުރެއްދޫ އައިލެންޑް ރިސޯޓުގެ ޕްރޯ ޑައިވާސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ސްޓެފަން ހެންސަން އާއި އެ ސެންޓަރުގެ މެނޭޖަރު ޑެރެން ކެޕަލް ގެއިތުރުން ކުރެއްދޫ އައިލެންޑް ރިސޯޓުގެ މެނޭޖިން ޑިރެކްޓަރު ލާސް ޕެޓްރޭ އާއި ވޯޓާ ސްޕޯޓްސް އެސިސްޓަންޓެއް ކަމަށްވާ އަބްދުﷲ ނާހިދު ބައިވެރިވި އެވެ.
ޅ. އަތޮޅުގެ ހަތަރު ފަޅު ރަށެއްގައި މަޑުކޮށް، ފަސް ރިސޯޓަކަށް ގޮސް ތެލެސީމިއާ އާއި ގުޅޭގޮތުން ހޭލުންތެރިކޮށް، ފަންޑު ހޯދުމަށްފަހު އެޓޯލް ޗެލެންޖްގެ ޓީމު ކުރި އުދަނގޫ ދަތުރު ކުރެއްދޫ އައިލެންޑް ރިސޯޓަށް މިއަދު މެންދުރު ނިންމާލިއިރު، ދަތުރުގެ ބައިވެރިންނަށް ކުރެއްދޫ ރިސޯޓުން ވަނީ ހޫނު މަރުހަބާ ކިޔާފަ އެވެ.
ކުރެއްދޫ އައިލެންޑް ރިސޯޓުން އެޓީމަށް އެންމެ ފުރަތަމަ މަރުހަބާ ދަންނަވާފައިވަނީ ހެލްތް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތުމަތު ޝީރީން އަބްދުﷲ ގެ އިތުރުން ހެލްތު މިނިސްޓްރީއާއި ކުރެއްދޫގެ އިސް ވެރިންނެވެ.
މިއަދު ކުރެއްދޫ އައިލެންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ރިސޯޓުގެ މެނޭޖަރު ކެން ވިދާޅުވީ، އެޓޯލް ޗެލެންޖަށް ފައިސާ ހޯދުމަށްޓަކައި މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އެ ރިސޯޓުންވެސް ހަރަކާތްތަކެއް ހިންގާފައިވާ ކަމަށެވެ.
އެގޮތުން، އެ ރިސޯޓުގެ ޑިޕާޓްމަންޓުތަކުން 3700 އަށްވުރެ ގިނަ ޑޮލަރު (57000 އަށްވުރެ ގިނަ ރުފިޔާ) އާއި ގެސްޓުން އަތުން 1600 އަށްވުރެ ގިނަ ޑޮލަރު (24600 އަށްވުރެ ގިނަ ރުފިޔާ) އެ ޗެލެންޖަށް ލިބިފައިވާ ކަމަށް ކެން ވިދާޅުވި އެވެ.
"އެޓޯލް ޗެލެންޖް"އަށް ޓްރާސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން 10000 ޑޮލަރު (154200 ރުފިޔާ) ހަދިޔާކޮށްފައިވާއިރު، ޅ. ނައިފަރުގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ނައިފަރު ޖުވެނައިލް އިން 1600 އަށްވުރެ ގިނަ ޑޮލަރު (24600 އަށްވުރެ ގިނަ ރުފިޔާ) އާއި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން 5000 ޑޮލަަރު (77100 ރުފިޔާ) ވަނީ ހަދިޔާކޮށްފަ އެވެ.
މީގެ އިތުރުންވެސް އަމިއްލަ ގިނަ ކުންފުނިތަކާއި އެ ޗެލެންޖަށް ސްޕޮންސާ ދީފައިވަ ފަރާތްތަކުން ފައިސާ ހަދިޔާ ކޮށްފައިވާއިރު، އެ ޗެލެންޖުގައި ހާސިލްކުރަން ކަނޑައެޅި އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ މިހާރުވެސް ލިބިފައިވާ ކަމަށް އެ ރިސޯޓުން ބުންޏެވެ.
ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އިތުރު ފަރާތްތަކަކުން ފައިސާ ހަދިޔާ ކުރާނެ ކަމަށް ބުނެފައިވާ ކަމަށާއި އެއްކޮށް ލިބުނު އަދަދެއް ދެތިން ދުވަހުގެ ތެރޭގައި އިއުލާން ކޮށް ތެލެސީމިއާ ސޮސައިޓީ އާއި ހަވާލުކުރާނެ ކަމަށްވެސް އެ ރިސޯޓުން ބުންޏެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރު ޝަކީލާ ވިދާޅުވީ، މުޅި ދުނިޔެއިން ވެސް ތެލެސީމިއާ ކުދިންގެ އަދަދު އެންމެ ގިނައީ ރާއްޖޭގައި ކަމުން އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެޓޯލް ޗެލެންޖުން ހޯދި ފައިސާއިން ތެލެސީމިއާ ކުދިންނަށް މިހާރު ދިމާވެފައިތާ އެތަށް މައްލަސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށާއި މިހާރު ހުރި ތެލެސީމިއާ ސެންޓަރު ބައިނަލްއަގްވާމީ ފެންވަރަށް ފެތޭ ތަނަކަށް ހެދުމަށްވެސް އެ ފައިސާގެ ސަބަބުން އެހީތެރިވެދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން، ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތަކަށް އެދެވޭ ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް އޮތްތަނުގައި އެހެން ރިސޯޓުތަކުން ހިންގާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.