ތެލެސީމިއާ އާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކޮށް، ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބައެއް ތަކެތި ގަތުމަށްޓަކައި ފައިސާ ހޯދުމަށް ފެށި، "އެޓޯލް ޗެލެންޖް" ހަރަކާތަށް ޓްރާސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން 10،000 ޑޮލަރުގެ ހަދިޔާކޮށްފި އެވެ.

ތެލެސީމިއާ ކުދިންނަށް ބޭނުންވާ 50 ޑެސްފެރަލް ޕަންމްޕު ގަތުމަށްޓަކައި ފައިސާ ހޯދުމުގެ އިތުރުން އާއްމުން ހޭލުންތެރިކުރުމުގެ ގޮތުން ފެށި "އެޓޯލް ޗެލެންޖް"ގައި ކަޔަކްތަކެއްގައި ހަ މީހަކު ޅ. އަތޮޅު ވަށައި ދަތުރުކޮށްފައި ވެއެވެ. މިދިޔަ އާދީއްތަ ދުވަހު ކުރެއްދޫ އައިލެންޑް ރިސޯޓުން ފެށި އެ ދަތުރު މިއަދުވަނީ އެ ރިސޯޓަށް ނިންމާލައިފަ އެވެ.

ޓީއެމްއޭގެ ފަރާތުން އެ ފައިސާ އެޓޯލް ޗެލެންޖްގެ ޓީމާ ހަވާލުކޮށްދެއްވީ މިއަދު އެ ޗެލެންޖް ނިމުމުގެ ގޮތުން ކުރެއްދޫ އައިލެންޑް ރިސޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ކުންފުނީގެ ޕީއާރު އެންޑް މާކެޓިންގެ މެނޭޖަރު އިބްރާހިމް ޝިފާން އެވެ.

ޝިފާން ވިދާޅުވީ، ތެލެސީމިއާ ކުދިންނަށް އެ ކުންފުނިން އިތުރު ކަންތައްތަކެއް ކުރިއަށް އޮތް ތަނުގައި ފަހި ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން އިޖުތިމާއީ ޒިންމާއެއްގެ ގޮތުގައި ޓީއެމްއޭ އިން އެއްވެސް އަގަކާ ނުލައި ރާއްޖޭގެ އެކި ހިސާބުތަކުން ތެލެސީމިއާ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިން މާލެ ގެނެސްދޭތާ މިހާރު އަހަރު ތަކެއް ވެއްޖެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ، މިހާރުވެސް އަތޮޅު ތެރޭގައި ހުރި ތެލެސީމިއާ ކުއްޖަކު ބޭހަށް މާލެ އަންނަން ބޭނުން ނަމަ، ޓީއެމްއޭއަށް ގުޅައި ދަތުރުކުރަން ބޭނުންވާ މަންޒިލާއި ލޭ އަޅާ ކުއްޖާގެ ތެލެސީމިއާ ރަޖިސްޓްރޭޝަން ނަމްބަރު ބުނެލުމުން އެ ދަތުރެއް ހަމަޖެހިގެންދާނެ ކަމަށެވެ.

ތެލެސީމިއާ ކުދިންނަށް ޑެސްފެރަލް ޕަންމްޕުތައް ގަތުމަށްޓަކައި އެއް މިލިއަން ރުފިޔާ (67,000 އެމެރިކާ ޑޮލަރު) ހޯދުމަށް ފެށި އެ ދަތުރުގައި ބައިވެރިވި ހަ މީހުން ވަނީ ޅ. އަތޮޅު ވަށައި ގާތްގަނޑަކަށް 165 ކިލޯ މީޓަރު ދަތުރުކޮށްފަ އެވެ. އަދި އެ ދަތުރުގައި އެ ޓީމު ވަނީ ހަތަރު ފަޅު ރަށެއްގައި މަޑުކޮށް، އެ އަތޮޅުގެ ފަސް ރިސޯޓަކަށް ގޮސް ތެލެސީމިއާ އާއި ގުޅޭގޮތުން ހޭލުންތެރިކޮށް، ފަންޑު ހޯދައިފަ އެވެ.

އެގޮތުން މިއަދު އެ ޗެލެންޖް ނިންމާލާފައިވާއިރު، އެ ޓީމުން ހޯދަން ކަނޑައެޅި އަދަދަށްވުރެ ގިނައިން ފައިސާ ލިބިފައި ވާކަމަށް ކުރެއްދޫ ރިސޯޓުން ބުންޏެވެ. ނަމަވެސް ލިބުނު ފައިސާގެ ޖުމްލަ އަދަދު އިއުލާނު ކުރަން ދެ ދުވަހެއްވަރު ވާނެކަމަށް އެ ރިސޯޓުން ބުންޏެވެ.

ރާއްޖޭގެ ތެލެސީމިއާ ހާލަތާ ބެހޭގޮތުން އެންމެ ފަހުން ކޮށްފައިވަ ދިރަސާތަކުން ދައްކާގޮތުގައި ތެލަސީމިއާ ވޭން އުފުލަން ޖެހިފައިވާ އެންމެ ގިނަ ބަޔަކު ނިސްބަތުން ތިބީ ރާއްޖޭގަ އެވެ. އެގޮތުން އާބާދީގެ 18 ޕަސެންޓް މީހުންނަކީ ތެލަސީމިއާގެ ކެރިއަރުންނެވެ. މާނައަކީ ރާއްޖޭގައި އުފަންވާ ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކީ ކެރިއަރެކެވެ. އަދި ވިހާ ކޮންމެ 120 ކުއްޖަކުން އެއްކުއްޖަކީ ތެލެސީމިއާ ކުއްޖަކެވެ. ހަމަ އެހެންމެ ރާއްޖޭގައި ކުރާ ކޮންމެ 30 ކައިވެންޏަކުން އެއް ކައިވެންޏަކީ ދެ ކެރިއަަރުންގެ ދެމެދުގައި ކުރެވޭ ކައިވެންޏެވެ.