އެފްއޭއެމްގެ ނާއިބް ރައީސް އަބްދުލް މުހުސިން ހަމީދު (ޖޭފޯ)، އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހިމް އަލްޚަލީފާއާ ބައްލުކުރައްވައިފި އެވެ.

ބަހްރެއިންގައި އޮތް މިބައްދަލުވުމުގައި އެފްއޭއެމްގެ ނާއިބު ރައިސްގެ އިތުރުން ދެން އެފްއޭއެމްގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ ޑެޕިއުޓީ ޖެނެރަލް ސެކެއްޓަރީ އިސްމާއިލް އިޒްހާނެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި މިމަހު 19 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖްކަޕާއި، ކުރިއަށް އޮތް އޭއެފްސީ އެނުއަލް ކޮންގްރެސް ހިމެނެއެވެ.

އޭއެފްސީގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ފުޓްބޯޅަ ތަރައްގީކުރުމަށް ބޭނުންވާ ވަސީލަތްތައް ތަރައްގީ ކުރުމަށްޓަކައި މާލީ އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި އެފްއޭއެމްގެ ނާއިބް ރައީސް ވަނީ އޭއެފްސީގެ ރައީސަށް ދިވެހި ގައުމީ ޓީމްގެ ޖާޒީއެއް ހަދިޔާކުރައްވައިފަ އެވެ.