08 May 2014, 19:54
ތިންވަނަ ސައުތު އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަން (ސާބާ) ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާ ގައުމީ ބާސްކެެޓްބޯޅަ ސްކޮޑު އިއުލާން ކޮށްފި އެވެ.
މި މަހު 13 އިން 17 އަށް ކަތަމަންޑޫގައި ބާއްވާ ސާބާ ޗެމްޕިއަންޝިޕްގައި ވާދަކުރާ ސްކޮޑުގައި ޖުމްލަ 12 ކުޅުންތެރިން ހިމެނެ އެވެ. ގައުމީ ބާސްކެޓް ޓީމުގެ ކޯޗަކީ އިބްރާހިމް ނާހިދު އެވެ. މި ސްކޮޑާއެކު އެސިސްޓަން ކޯޗު އަހްމަދު ފަޔާޒު އާއި މެނޭޖަރު އިބްރާހިމް ދަތުރުކުރާނެ އެވެ.
ގައުމީ ބާސްކެޓްބޯޅަ ސްކޮޑަށް ނެގި ކުޅުންތެރިންނަކީ އިލްޔާސް އިބްރާހިމް، އަލީ ފަޒްލީ، މުހައްމަދު ޒިލާލް، އަހްމަދު ޒަބީރު، އަހްމަދު ފިރާޝް، އިބްރާހިމް ރަޝްވާން، ޒަކަރިއްޔާ ލަތީފް، އަފްޝަން ރަސާދު، ހުސައިން ހަލީމް، ހުސައިން ހަލީމް (ޗިކަނޭ)، އައިމަން ރަޝާދު އަދި އަހްމަދު އައުޝަން އެވެ. މި ސްކޮޑުގެ ކެޕްޓަނެއްގެ ގޮތުގައި ހަމަޖެއްސީ އިލްޔާސް އިބްރާހިމް އެވެ.
މި މުބާރާތުގައި ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވެލައްވާނީ އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އާރިފް ރިޒާ އެވެ. މި މުބާރާތުގައި ރާއްޖޭގެ ކޮމިޝަނަރެއް ބައިވެރިވާނެ އެވެ. ރާއްޖެ އިން ބައިވެރިވާ ކޮމިޝަނަރަކީ އިންޓަނޭޝަނަލް ބާސްކެޓްބޯޅަ ފެޑެރޭޝަނުގެ ކޮމިޝަނަރެއް ކަމަށްވާ މުހައްމަދު ޔާމީން އެވެ.