08 May 2014, 19:50
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިސްނަގައިގެން ދަރިމައިވުމުގެ ސިއްހަތު ނުވަތަ އާއިލީ ސިއްހަތާ ބެހޭގޮތުން އަތޮޅުތަކުގެ 19 ކައުންސިލަރުންނާއެކު ކުރިޔަށް ގެންދިޔަ ވޯކްޝޮޕެއް ނިންމާލައިފި އެވެ.
ވޯކްޝޮޕްގައި ބައިވެރިވި ކައުންސިލަރުންނަށް ހަނދާނީލިޔުން ހަވާލުކޮށްދެއްވުމަށްފަހު އެ ރަސްމިއްޔާތު ޝަރަފުވެރި ކޮއްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް ހެލްތު އެންޑް ޖެންޑާގެ ސްޓޭޓް މިނިސްޓަރު ފުއާދު ގާސިމް ވިދާޅުވީ، އެ ވޯކްޝޮޕަކީ މިއަދު މުޖުތަމައަށް ދިމާވެފައިވާ މައްސަލަތަކަށް ބަލާއިރު އަތޮޅުތަކުގައި ތިއްބެވި ކައުންސިލަރުންނަށް ވަރަށް މުހިންމު ވޯކްޝޮޕެއް ކަމަށެވެ. ސަބަބަކީ ސިއްހީ މައްސަލަތަކާއި އާއިލީ ގުޅުމަކީ ގައުމުގެ އަސާސްތަށް އެކަމެއްގެ މައްޗަށް ބިނާވެފައި ކަންތައްތަކެއް ކަމުގައި ވާތީކަށް ފުއާދު ވިދާޅުވި އެވެ.
ފުއާދު އިތުރަށް ވިދާޅުވީ، އަތޮޅުތަކުގައި ސިއްހީ ކަންކަމަށް ހޭލުންތެރިކުރުމަށް ހިންގާ ޕްރޮގްރާމް ތަކުގައި ކައުންސިލްތަކުން ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށާއި، ހެލްތު މިނިސްޓްރީން އަބަދުވެސް އަތޮޅުތަކުގެ ސިއްހީ ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކައުންސިލްތަކާ ގުޅިގެން ކަންކަން ކުރުމަކީ ސަރުކާރުން އަބަދުވެސް ވަރަށްބޮޑަށް އިސްކަންދެއްވާނޭ ކަމެއްކަމަށް ފުއާދު ވިދާޅުވި އެވެ.
ކައުންސިލް ތަކުގައި މަސައްކަތް ކުރައްވާ ކައުންސިލަރުންނަނީ ސިއްހީ ދާއިރާގެ މާބޮޑު މައުލޫމާތުތަކެއް ލިބިފައި ނުވާ ބައެއްނަމަވެސް އެބޭފުޅުންނަށް މިފަދަ މައުލޫމާތުތަށް ލިބިފައި ވުމުން ކުރެއްވޭނެ ވަރަށް ގިނަ ކަންކަން ހުންނާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނެއެވެ.
އެ ވޯކްޝޮޕްގައި ދުޅަހެޔޮ އާއިލާއެއް ބިނާކުރުމުގައި އަންހެނުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަމާއި ދަރިމައިވުމުގެ ސިއްހަތުގައި ފިރިހެނުންގެ ޒިންމާއާ މެދު ދީނީ ނަޒަރަކުންވެސް އަލި އަޅުވާލާފައި ވެއެވެ.