08 May 2014, 19:45
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ބޯޓުތައް ބޭއްވުމަށްޓަކައި ޖާގަ އިތުރު ކުރުމުގެ ގޮތުން އިތުރު އޭޕްރަންއެއް އެޅުމަށް ޗައިނާގެ ސައިނޯހައިޑްރޯ ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.
އެކަމަށް ޓަކައި މިއަދު ހަވީރު ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިޔާތަށް ފަހު ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހީމް ސަލީމް ވިދާޅުވީ، އޭޕްރަން އެޅުމަށް ހަވާލުކޮށްފައި ވަނީ ނުވަ މިލިއަން ޔޫސްއެސް ޑޮލަރަށް ކަމަށެވެ.
ސަލީމް ވިދާޅުވީ، ރަންވޭގެ އުތުރުފަރާތުގައި އަލަށް އަޅާ މި އޭޕްރަންގެ މަސައްކަތް އެއްބަސްވުމުގައިވާ ގޮތުން 12 މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ނަމަވެސް އެއަށްވުރެ އަވަހަށް ނިމޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ސަލީމް ވިދާޅުވި ގޮތުގައި އަލަށް އަޅާ އޭޕްރަންގެ ބޮޑު މިނުގައި 350 މީޓަރާއި 75 މީޓަރު ހުންނާނެއެވެ. އޭގެ ސަބަބުން އެއާޕޯޓަށް އިތުރު ތަރައްގީއެއް އަންނާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.
"އެހެންވީމަ އެތާގައި ބެހެއްޓޭނެ އެންމެ ބޮޑު ބޯޓް، 777 މަރުކާ 300ގެ ހަތަރު ބޯޓް. ދެން ކުދި ކުދި އެހެން ބޯޓްތައް ބައިވަރު ބެހެއްޓޭނެ،" ސަލީމް ވިދާޅުވި އެވެ.
އައިއެންއައިއޭގައި އިތުރު އޭޕްރަންއެއް އެޅުމަށް ކުރިއަށް ގެންދާ އެ މަޝްރޫއަށް ހަރަދުކުރަނީ އެއާޕޯޓަށް ލިބޭ ފައިދާއިން ކަމަށާއި އެ މަޝްއޫރުއަށް އެއްވެސް ލޯނެއް ނަގާފައި ނުވާނެ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.