ތ. ވޭމަންޑޫގައި ކުޑަކުދިންނާއި ބެލެނެވެރިން އެއްވެ ތިބި ތަނަކަށް ފީވެފައި ހުރި ރުކެއް ބިންދައިގެން ގޮސް، ރުއް ގުޅިއަކުން ޖެހި، ދެ ކުއްޖަކަކަށް އަނިޔާވެއްޖެ އެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު ކުޑަހުދިންގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތެއް ވޭމަންޑޫ ސްކޫލްގައި ކުރިއަށް ދަނިކޮށެވެ. އެ ހާދިސާ ހިނގާފައި ވަނީ ވޭމަންޑޫ ސްކޫލަށް އިތުރު ކުރި އާ ބިމުގައި ހުރި ރުއް ކުރިއެއް ނެތި ކޮޅަށް ހުރި ރުއް ގުޅިއެއް ބިންދައިގެން ގޮސްގެންނެވެ.

ވޭމަންޑޫ ކައުންސިލްގެ ރައީސް އަބްދުﷲ މުފީދު މިއަދު "ސަން"އަށް ވިދާޅުވީ އެ ހާދިސާގައި ޒަހަމްވި އެއް ކުއްޖެއްގެ ބޮލުގެ ފުއްކިބައިގައި ރުއްގުޅިން ޖެހުނުއިރު އަނެއް ކުއްޖާގެ ފައިގެ ކުޑަ ހުޅު ކައިރިން ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާވި ދެ ކުދިންނަށް ވެސް ވޭމަންޑު ހޮސްޕިޓަލުން ފަރުވާދެމުންދާ އަންނަ ކަމަށް އަބްދުﷲ މުފީދު ވިދާޅުވި އެވެ.

ވޭމަންޑޫ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ މުފީފު ވިދާޅުވީ އެ ދެ ކުދިންގެ ހާލު އެހާ ސީރިއަސް ނޫން ކަމަށެވެ.

"އެއީ ވަރަށް ދުވަސް ވީ ރުކެއް. އެރުކުގެ ކުރިގަނޑު ވަނީ ފީވެފަ. އެ ފީ ވެފައިވާ ހިސާބުން ބިންދައިގެން ގޮސްގެން އެ ރުކުގެ ކުރިގަނޑު ވެއްޓުނީ. އެންމެ ފުރަތަމަ އެރުއްވެއްޓުނީ ގަހެއްގެ މައްޗަށް. އެ ހިސާބުން އެ ވަގުތު އެތަނަށް އެއްވެފައި ތިބި މީހުން ބިރުން ދުއްވާގަތީ. އެވަގުތުން އެ ދެކުދިންނަށް އަނިޔާވީ،" ފުއާދު ވިދާޅުވިއެވެ.