ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން މިއަދު އާންމުކުރި "ފީފާ ކޮކާކޯލާ ވޯލްޑް ރޭންކިން"ގައި އެއްވެސް ކުރިއެރުމެއް ނުލިބި ރާއްޖެ އޮތީ ސާކް ސަރަހައްދުގެ ތިންވަނަ މަގާމުގަ އެވެ.

ހުސްވި މަހު ފީފާއިން އިއުލާން ކުރި ރޭން ކިންގައި ވެސް ސާކް ސަރަހައްދުން ރާއްޖެއަށް ލިބިފައި ވަނީ ތިން ވަނަ މަގާމެވެ. އެހެން ނަމަވެސް އެފަހަރު ރާއްޖެ ވަނީ ހަތަރު ދަރަޖައިގެ ކުރިއެރުމެއް ހޯދައިފަ އެވެ. އެކަމަކު މިއަދު އިއުލާން ކުރި ރޭންކިންގައި ރާއްޖެއަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު، ދުނިޔޭގެ ރޭންކިންގައި ރާއްޖެ އަދިވެސް އޮތީ 153 ވަނަ މަގާމްގަ އެވެ.

ސާކް ސަރަހަދުގެ އެއް ވަނަ މަގާމްގައި އޮތީ އަފްގާނިސްތާނެވެ. ހަތަރު ދަރަޖައިގެ ވެއްޓުމަކާއެކު ދުނިޔޭގެ ރޭންކިންގައި އަފްގާން އޮތީ 128 ވަނަ މަގާމުގަ އެވެ.

ސާކް ސަރަހައްދުގެ ދެ ވަނަ މަގާމް މިފަހަރު ވެސް ހޯދީ ދެ ދަރަޖައިގެ ވެއްޓުމަކާއެކު އިންޑިއާ އެވެ. ދުނިޔޭގެ ރޭންކިންގައި އިންޑިއާ އޮތީ 147 ވަނަ މަގާމްގަ އެވެ. ސަރަހައްދުގެ ހަތަރު ވަނަ މަގާމްގައި އޮތީ ދެ ދަރަޖައިގެ ކުރިއެރުމެއް ހޯދި ޕާކިސްތާނެވެ. ދުނިޔޭގެ ރޭންކިންގައި ޕާކިސްތާން އޮތީ 159 ވަނަ މަގާމުގަ އެވެ. އަދި ސަރަހައްދުގެ ފަސް ވަނަ މަގާމްގައި އޮތީ އެއްވެސް ކުރިއެރުމެއް މިފަހަރު ލިބިފައި ނުވާ ނޭޕާލެވެ. ދުނިޔޭގެ ރޭންކިންއިން ނޭޕާލް އޮތީ ޕާކިސްތާނާއެކު 159 ވަނައިގަ އެވެ.

ސަރަހައްދުގެ ހަ ވަނަ މިފަހަރު ލިބުނީ އެއް ދަރަޖައިގެ ކުރިއެރުމެއް ހޯދި ބަނގްލަދޭޝްއަށެވެ. ދުނިޔޭގެ ރޭންކިންގައި ބަނލަދޭޝް އޮތީ 162 ވަނަ މަގާމުގަ އެވެ. ސަރަހައްދުގެ ހަތް ވަނަ މަގާމުގައި އޮތީ ކުރިއެރުމެއް މިފަހަރު ލިބިފައި ނުވާ ސްރީލަންކާ އެވެ. ދުނިޔޭގެ ރޭންކިންގައި ލަންކާ އޮތީ 173 ވަނަ މަގާމުގަ އެވެ. އަދި ސަރަހައްދުގެ އެންމެ ފުލުގައި މިފަހަރުވެސް އޮތީ ބޫޓާނެވެ.

ދުނިޔޭގެ ރޭންކިންގެ އެއްވަނަ މަގާމް މިފަހަރުވެސް ލިބުނީ ސްޕެއިނަށެވެ. ދުނިޔޭގެ ރޭންކިންގެ ދެ ވަނަ މަގާމްގައި ޖަރުމަން އޮތްއިރު، ތިން ވަނަ މަގާމްގައި އޮތީ ޕޯޗުގަލްއެވެ. އަދި ދުނިޔޭގެ ރޭންކިންގެ ހަތަރު ވަނަ މަގާމް ގައި އޮތީ ދެ ދަރަޖައިގެ ކުރިއެރުމެއް ހޯދި ބްރެޒިލްއެވެ.