ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އިސް ވެރިންގެ މައްޗަށް އެކުލެވޭ މަލްޓި ސްޓޭކް ހޯލްޑަރ ޖުޑީޝަލް ސެކްޓަރ ލޯ ރިފޯމް ކޮމެޓީއެއް ސުޕްރީމް ކޯޓުން އުފައްދައިފި އެވެ. އެ ކޯޓުން ބުނީ އެ ކޮމެޓީއަކީ މަތީ ފެންވަރުގެ ކޮމެޓީއެއް ކަމަށެވެ.

ސުޕްރީމް ކޯޓުން އިއްޔެ އުފެއްދި ކޮމެޓީގައި ހިމެނިވަޑައިގަންނަވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ބަންޑާރަ ނައިބާއި ހޯމް މިނިސްޓަރާއި ފިނޭންސް މިނިސްޓަރާއި ޕްރޮސެކިއުޓާ ޖަނަރަލް (ޕީޖީ)ގެ އިތުރުން ޕޮލިސް ކޮމިޝަނަރެވެ. އެ ކޮމެޓީގެ މަސައްކަތް އަވަސް ކުރުމަަށްޓަކައި ޓެކްނިކަލް ކޮމެޓީއެއް އުފެއްދުމަށް ވެސް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާފަ އެވެ.

ޖުޑީޝަލް ސެކްޓާ ލޯ ރިފޯމް ކޮމެޓީއާ ބެހޭ ސެކްރެޓޭރިއެޓް ބަލަހައްޓާނީ ސުޕްރީމް ކޯޓުންނެވެ.

ސުޕްރީމް ކޯޓުން ބުނި ގޮތުގައި ޖުޑީޝަލް ސެކްޓާ ރިޕޯޓް ކޮމެޓީ އުދައްދާފައި ވަނީ ރާއްޖެއަށް ގެންނަންޖެހޭ އިޖުތިމާއީ ސިޔާސީ އަދި އިޤްތިޞާދީ ހެޔޮ ބަދަލުތަކާ ފައި ހަމަކޮށް، އެ ކަންކަމަށް މަގުދެއްކުމާއެކު ދިވެހިރާއްޖޭގެ ދިމިގްރާތީ ވެށި ޙިމާޔަތްކުރެވޭ ފަދަ ދާއިރާއަކަށް ޝަރުޢީ ދާއިރާ ހެދުމަށެވެ. ރާއްޖޭގެ ޖިނާއި ޢަދުލުގެ ނިޒާމާއި މަދަނީ ޢަދުލުގެ ނިޒާމާއި ޢާއިލީ ޢަދުލުގެ ނިޒާމުގެ އިތުރުން ކުޑަކުދިންގެ ޢަދުލުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް ގެންނަންޖެހޭ އިޞްލާޙްތައް ގެނައުމަށް އެ ކޮމެޓީން މަސައްކަތް ކުރާނެ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.

ކޮމެޓީ މެންޑޭޓުގެ ތެރޭގައި ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާއި ޕްރޮސީޖާތަކާއި ޕްރެކްޓިސް ރޫލްތަކަށް ގެންނަންޖެހޭ އިސްލާހުތައް ދެނެގަނެ، ކަމާ ބެހޭ ގޮތުން ނިންމަންޖެހޭ މުހިންމު ނިންމުންތައް އެ ކޮމެޓީން ނިންމާނެ އެވެ. އަދި ޝަރުއީ ދާއިރާއަށް އިސްލާހު ގެނެސް ކަނޑައަޅަންޖެހޭ ޕޮލިސީތައް ކަނޑައެޅުމަށްޓަކައި އެ ކޮމެޓިގެ މަސައްކަތް ވަރަށް އަވަހަށް ފަށައިގަންނާނެ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.