08 May 2014, 16:42
މި ސީޒަނުގެ ފްރާންސް ލީގުގައި ކުޅުނު މެޗުތަކުގެ ތެރެއިން އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ މެޗާއެކު ޕެރިސް ސެއިންޓް ޖޭމެން އަށް ލީގު ތަށި ކަށަވަރުވެއްޖެ އެވެ.
ރޭންސް އަތުން ރޭ ކުޅުނު މެޗުން ޕީއެސްޖީ ރޭ 2-1 ލަނޑުން ބަލިވި ނަމަވެސް، އެ ޓީމަށް ލީގު ކަށަވަރުވީ ރޭ ގުއިންގޭމްޕްއާ ދެކޮޅަށް މޮނާކޯ ކުޅުނު މެޗު 1-1 ލަނޑުން އެއްވަރު ވެގެންނެވެ. ޕީއެސްޖީ އަށް ފްރާންސް ލީގު ކަށަވަރުވި އިރު، އެ ޓީމަށް މި ސީޒަނުގައި ބާކީ ދެ މެޗު އެބަ އޮތެވެ.
ރޭންސްއާ ދެކޮޅަށް ރޭ ޕީއެސްޖީ ކުޅުނު މެޗުގެ ތިންވަނަ މިނެޓްގައި އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ޓީމަށް ލީޑު ނަގައިދިނީ އާޖެންޓީނާ ފޯވަޑް އެޒެކުއީލް ލަވޭޒީ އެވެ. ނަމަވެސް ރޭންސް އިން ވަނީ ފަހުން ކުޅުން ރަނގަޅުކޮށް، ފަހަތުން އަރައި ދެ ލަނޑު ކާމިޔާބުކޮށްފަ އެވެ. ފުރަތަމަ ހާފުގައި ފެނުނު މި ދެ ލަނޑު ރޭންސް އަށް ކާމިޔާބުކޮށްދިނީ ފޯއެޑް ކާޑިރް އާއި ޕޯލް ހޯޖެސް އެންޓެޕް ޑި މަޑިބާ އެވެ.
މޮނާކޯ އާއި ގުއިންގެމްޕް ބައްދަލުކުރި މެޗުގެ ލަނޑުތައް ފެނިގެން ދިޔައީ މެޗުގެ ފަހު ހާފުގެ ފަހު ކޮޅުގަ އެވެ. މެޗުގެ 77 ވަނަ މިނެޓްގައި މޮނާކޯ އަށް ޑިމިޓްރީ ބާބަޓޯވް ލީޑު ނަގައިދިން ނަމަވެސް މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ފާތިހް އަޓިކް ވަނީ ގުއިންގެމްޕް އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.
ޕީއެސްޖީ އަށް ފްރާންސް ލީގު ކަށަވަރުވީ ކުޅުނު 36 މެޗުން ލިބުނު 83 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް މޮނާކޯ އަށް 76 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ލިލް އަށް ލިބިފައި ވަނީ 68 ޕޮއިންޓެވެ. މި ސީޒަނުގައި ކުޅުނު މެޗުތަކުގެ ތެރެއިން ޕީއެސްޖީ 25 މެޗުން މޮޅުވެފައިވާ އިރު، ބަލިވެފައި ވަނީ އެންމެ ތިން މެޗުންނެވެ. އަދި އަށް މެޗަކުން އެއްވަރުވެފައި ވެއެވެ.