08 May 2014, 16:40
ތެލެސީމިޔާ ބަލީގެ 10 ކުއްޖަކަށް ކޮންމެ އަހަރަކުވެސް ބޯންޑެންސިޓީ ސްކޭން ހަދައިދޭން އޭޑީކޭއިންނިންމައިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ތެލެސީމިޔާ ދުވަސް ފާހަގަ ކުރުމަށް އޭޑީކޭ ކުރިއަށް ގެންދާ ޕްރޮގުރާމްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް އޭޑީކޭ ކޮންފެރެސް ރޫމުގައި ބޭއްވި ހަފްލާއެއްގައި އޭޑީކޭގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ ބޯންޑެންސިޓީ ސްކޭން ހަދައި ދިނުން މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާނެ ކަަމަށެވެ.
އަފްއާލު ވިދާޅުވީ ތެލެސީމިޔާކުދިންގެ ބޯންޑެންސިޓީސްކޭން ހެދުމުގެ ޕްރޮގުރާމް ކުރިއަށް ގެންދާނީ އެ ހޮސްޕިޓަލާއި ތެލެސީމިޔާ ސޮސައިޓީއާއި ގުޅިގެން ކަމަށެވެ.
އަދި ވިދާޅުވީ ތެލެސީމިޔާ ކުދިން ހަދަން ޖެހޭ ބޯންޑެންސިޓީ ސްކޭން އަކީ އެކުދިން ދެ އަހަރުން އެއް އަހަރު ހަދަން ޖެހޭނެ ސްކޭން ތަކެއް ކަމަށެވެ. ބޯންޑެންސިޓީ ސްކޭން ގެ ޓެސްޓްތަކަށް ހަރަދުވާނީ ޓެސްޓަކަށް 700ރ އާއި 800ރ ދެމެދުގެ އަގެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ތެލެސީމިޔާ ސޮސައިޓީގެ ރައީސް ޖީހާން ސަލީމް ވިދާޅުވީ އޭޑީކޭއިން ފަށާ އެޕްރޮގުރާމްގެ ސަބަބުން ތެލެސީމިޔާ ކުދިން ދުޅަހެޔު ސިހަތެއްގައި ބޭތިއްބުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށެވެ. އެ ކަމަކީ ވަރަށް ކުރީއްސުރެ ވެސް އެ ސޮސައިޓީގެ ފަރާތުން އުންމީދު ކުރަމުންއައި ކަމެއް ކަމަށައި އެހެން ކަމުން އޭޢޑީކޭއިން އެފަދަ ކަމެއް ހިލޭކޮށްދެއްވާތީ ޝުކުރު ދަންނަވާ ކަމަށެވެ.
ޖީންހާން ވިދާޅުވީ އެ ސޮސައިޓީގެ ފަރާތުން އެކަން ކުރިއަސް ގެންދާނީ ދެފުއްފެންނަ ގޮތަށް އިންސާފްވެރި ކަމާއިއެކުގައި ކަމަށެވެ.
މިއަދުގެ ހަފްލާގައި މިއަހަރު އޭޑީކޭހޮސްޕިޓަލުގެ ފަރާތުން ބޯންޑެންސިޓީ ސްކޭން ހަދައިދޭ ކުދިންގެ ފައިސާގެ ޗެކް ތެލެސީމިޔާ ސޮސައިޓީއާއި ހަވާލުކުރިއެވެ.