ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލުން ކޯޓަށް ހާޒިރުނުވިޔަސް ޣައިރު ހާޒިރުގައި މައްސަލަތަކުގެ ހުކުމް ކުރުމަށް އައްޑޫ ސިޓީގެ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމައިފި އެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން ހިތަދޫ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ޕީޖީ އޮފީހުގެ ވަކީލުންގެ ޣައިރު ހާޒިރުގައި މިއަދު ވެސް އެ ކޯޓުން މައްސަލައެއް ނިންމާފައިވާނެ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ޕީޖީ އޮފީހުގެ ވަކީލުން ކޯޓުތަކަށް ހާޒިރުނުވާންޖެހޭ ސަބަބެއް އޮތް ކަމަށް އެ ކޯޓުން ނުދެކޭ ކަމަށާއި އެހެން ކަމުން ޝަރީއަތްނިމި ހުކުމާ ހިސާބަށް ގޮސްފައިވާ މައްސަލަތަކުގެ ހުކުމް އިއްވަމުންދާނެ ކަމަށެވެ.

"ޕީޖީ އޮފީހުގެ ވަކީލުން ކޯޓުތަކަށް ހާޒިރުނުވާން ޖެހޭ ސަބަބެއް އޮތް ކަމަށް އަޅުގަނޑުމެން ނުދެކެން. އެހެންވީމަ ޕީޖީ އޮފީހުގެ ވަކީލުން ހާޒިރުނުވާނަމަ އެބޭފުޅުންގެ ޣައިރު ހާޒިރުގައި ޝަރީއަތް ނިމިފައިވާ މައްސަލަތަކުގެ ހުކުމް އިއްވަމުން ދާނީ،" އޮފިޝަލް ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވެފައި ވަނީ ޕްރޮސެކިއިޓާ ޖެނެރަލް އާއި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ބޭފުޅަކު ނެތް ނަމަވެސް އެ އޮފީހުގެ ވަކީލުން ކޯޓުތަކަށް ވަޑައިގެން ވަކާލާތު ކުރެއްވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.