އިންޑިޔާގެ ސިފައިންގެ ވެރިޔާ، ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ބިކްރަމް ސިންގް ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ޖެނެރަލް ބިކްރަމް ސިންގްގެ މި ދަތުރުފުޅަކީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ ދައުވަތަކަށް ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެކެވެ.

ޖެނެރަލް ބިކްރަމް ސިންގް ރާއްޖެ ވަޑައިގަތުމުން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު މުހައްމަދާއި، އިންޑިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައި ކޮމިޝަނާ ހިޒް އެކްސެލެންސީ ރާޖިވް ސަހޭރާ އާއި ސިފައިންގެ އިސް އޮފިސަރުންނެވެ.

ޖެނެރަލް ބިކްރަމް ސިންގް ގެ މިދަތުރުފުޅުގައި ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމާއި ވެސް ބައްދަލުކުރައްވާނެ އެވެ.

މި ބައްދަލުކުރެއްވުންތަކުގައި އަސްކަރީ ދާއިރާއިން ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހި ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.