ހުސްވި އަހަރުގެ އެޕްރީލް މަހާއި އަޅާބަލާއިރު މިއަހަރުގެ އެޕްރީލް މަހު ކަސްޓްމްސްގެ އާމްދަނީ 20 ޕަސެންޓް އިތުރުވެފައިވާ ކަމަށް ކަސްްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސްގެ ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އެޕްރީލް މަހު ކަސްޓަމްސް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި 126.9 މިލިޔަން ރުފިޔާ ކަސްޓަމްސްއަށް ލިބިފައިވާއިރު މި އަހަރުގެ އެޕްރީލް މަހު މިއަދަދު ވަނީ 152.2 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ކަސްޓަމްސް އިން ބުނީ މި އެޕްރީލް މަހު ރާއްޖެއަށް މުދާ އެތެރެކުރި މިންވަރަަށް މިދިޔަ އަހަރުގެ އެޕްރީލް މަހާއި އާޅާބަލާއިރު 14 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ހުސްވި އެޕްރިލް މަހު ރާއްޖެއަށް އެތެެރެކޮށްފައި ވަނީ 2.1 ބިލިއަން ރުފިޔާ އެވެ. އަދި މިއަހަރުގެ އެފްރީލް މަހު 2.4 ބިލިއަން ރުފިޔާ ގެ މުދާ ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ވެސް ކަސްޓްމަސް އިން ބުންޏެވެ.

ހުސްވި އެޕްރީލް މަހު ރާއްޖެ އަށް އެތެރެކޮށްފައިވާ މުދަލުގެ ތެރެއިން އަގުގެ ގޮތުން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ތެލުގެ ބާވަތްތަކަށެވެ. އެގޮތުން އިމްޕޯޓްކުރި ޖުމްލަ ތެލުގެ އަގަގީ 669.1 މިލިއަން ރުފިޔާ އެވެ. ދެ ވަނަ އަށް އެންމެ ގިނައިން އެތެރެކޮށްފައިވާ ކާބޯތަކެއްޗަށް ހޭދަކޮށްފައި ވަނީ 474.4 މިލިއަން ރުފިޔާ އެވެ. އަދި ތިން ވަނަ އަށް އެންމެ ގިނައިން ހޭދަކޮށްފައިވާ މެޝިނަރީއާއި އިލެކްޓްރޯނިކްސް އަށް 413.6 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ކަސްޓަމްސް އިން ބުނީ މުދަލުގެ އަގަށް ބަލާއިރު ފާއިތުވި އެޕްރީލް މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ތިން ގައުމަކީ ޔުނައިޓެޑް އެރަބް އެމިރޭޓްސް ކަމަށާއި އެގައުމުން 880،6 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އެެތެރެކޮށްފައިވާ ކަމަށެވެ. އަދި ސިންގަޕޫރުން 340.2 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 190.8 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މީގެއިތުރުން މިދިޔަ އެޕްރީލް މަހު ރާއްޖެއިން މުދާ އެކްޕޯޓްކޮށްފައިވާ މިންވަރު މިދިޔަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު 0.4 ޕަސެންޓް ދަށްވެފައިވާ ކަަމަށް ކަސްޓަމްސްއިން ބުންޏެވެ. މިދިޔަ އަހަރު އެޕްރީލް މަހު ޜާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 213.7 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރިއިރު މިއަހަރުގެ އެޕްރީލް މަހު އެކްސްޕޯޓްކޮށްފައިވަނީ 212.9 މިލިއަން ރުފިޔާގެ މުދަލެވެ.