ލިވަޕޫލްގެ ޔުރުގުއާއީ ތަރި ލުއިސް ސުއަރޭޒްގެ ކުރީގެ ކްލަބު އަޔެކްސް އަށް ކޮންމެވެސް ދުވަހަކުން އެނބުރި ދާނެ ކަމުގައި އޭނާ ބުނެފި އެވެ.

ސުއަރޭޒް ވަނީ އަޔެކްސްގައި ތިން އަހަރައިގެ ބައިގެ މުއްދަތަކަށް ކުޅެ ގިނަ ކްލަބުތަކަކަށް އޭނާގެ ހުނަރު ދައްކާލައިފަ އެވެ. އެގޮތުން އޭނާ ވަނީ އަޔެކްސްއަށް 110 ލީގު މެޗުން 81 ގޯލު ކާމިޔާބުކޮށް، ޑަޗް ލީގު ކާމިޔާބުކޮށް ދިނުމަށް އެ ޓީމަށް އެހީތެރިވެދީފަ އެވެ.

"ކޮންމެވެސް ދުވަހަކުން އެނބުރި އަޔެކްސް އަށް ދާނެ ކަމަށް އަހަރެން އަބަދުވެސް ބުނަން،" ހެލްޑެން މެގަޒިން އަށް ދިން އިޓަވިއުއެއްގައި ސުއަރޭޒް ބުންޏެވެ. "އެ ޓީމުގެ ކޯޗު އަހަރެން ބޭނުންނުވިޔަސް، އަހަރެން އެ ކްލަބަށް އެނބުރި ދާނަން. އެއީ ޔަގީންކަމެއް. އަޔެކްސް އަކީ އަހަރެން ހަޔާތުގެ ބޮޑުބައެއް،"

ސުއަރޭޒް އަކީ ޕްރޮފެޝަން ފުޓްބޯލާސް އެސޯސިއޭޝަން އަދި ފުޓްބޯޅަ ނޫސްވެރިންގެ އެސޯސިއޭޝަނުން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހާސިލްކުރި ކުޅުންތެރިޔާ އެވެ. ސުއަރޭޒް ބުނީ، މި ހުރިހާ ޝަރަފެއް ހައްގުވަނީ އަޔެކްސް އަށް ކަމަށެވެ.

"އަޔަކްސް އަކީ އަހަރެންގެ ގިނަ ކަންތައްތަކެއް ދަސްކޮށްދިން ކްލަބެއް،" އޭނާ ބުންޏެވެ. "އަހަރެންނަށް ދެ ފައިން ކުޅެން ދަސްކޮށްދިން އަޔެކްސް އަށް ތައުރީފް ހައްގު. އަދި އެ ޓީމުން އަހަރެންނަށް ޓީމާއި ގުޅިގެން ކުޅެން ވެސް ދަސްކޮށްދިން،"

އުމުރުން 27 އަހަރުގެ ސުއަރޭޒް، އަޔެކްސް އިން ލިވަޕޫލް އަށް ގުޅުނީ 2007 ވަނަ އަހަރު އެވެ. ލިވަޕޫލްއާ ގުޅުމަށް ފަހު، އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި މިހާރު ދުނިޔޭގައި ތިބި އެންމެ މޮޅެތި ކުޅުންތެރިންގެ ލިސްޓުގައި ހިމެނިފަ އެވެ.