ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމުގެ އަތުން އަނބުރާ ދައްކަވާ ގޮތަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ދެ ލައްކަ ޑޮލަރު ނެންގެވުމަށްފަހު، މިހާތަނަށް އެ ފައިސާ ތަސްމީން އަނބުރާ ދައްކަވާފައިނުވާ ކަމަށް ބުނެ، އެ ފައިސާ ހޯއްދެވުމަށް މިއަދު ސިވިލް ކޯޓަށް ނާޒިމް މައްސަލަ ހުށަހަޅުއްވައިފި އެވެ.


ޑީއާރްޕީއާއެކު ކޯލިޝަން ހަދާފައިވާ ޕީއޭގެ ނައިބު ލީޑާ ނާޒިމްގެ ގާނޫނީ ވަކީލް އަހުމަދު ސަލީމް (ރޭނީސް ސަލީމް) މިއަދު ވިދާޅުވީ، ނޮވެމްބަރު 25، 2008 ގައި ނާޒިމްގެ އަތުން ތަސްމީން ނަންގަވާފައިވާ ދެ ލައްކަ ޔޫއެއްސް ޑޮލަރު (2.5 މިލިއަން ރުފިޔާ) އާ ގުޅިގެން އެކި ފަހަރު މަތިން އެ ފައިސާ ދެއްވުމަށް ތަސްމީންގެ އަރިހުގައި އެދިފައިވާނެ ކަމަށާއި ނަމަވެސް މިހާތަނަށް އެ ފައިސާ އަނބުރާ ދައްކަވާފައިނުވާ ކަމަށެވެ.


ނާޒިމްގެ އެދިލެއްވުމުގެ މަތިން  އެ ފައިސާގެ މުއާމަލާތް ސުލްހަވެރިކަމާ އެކު ނިންމަވައިދެއްވުމަށް ތަސްމީނުގެ އަރިހުގައި ލިޔުމަކުން މިދިޔަ މަހު އެދިވަޑައިގެންފައިވާ ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"ނާޒިމާއި ތަސްމީންގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ ސަބަބުން އަޅުގަނޑުމެން ސުލްހަވެރިކަމާ އެކު މިހާތަނަށް ވާހަކަ ދައްކަމުން މިދަނީ. އެހެންނަމަވެސް އެ ފައިސާ ދެއްވާނެ ކަމުގެ އެއްވެސް މަލަމައްޗެއް ތަސްމީންގެ ކިބައިން މިހާތަނަށް ފެނިފައެއް ނުވޭ،" ސަލީމް ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ ނާޒިމްގެ ވަކީލެއްގެ ހައިސިއްޔަތުން އެވާހަކަ ދެންނެވުމުން ވެސް އެދެވޭ ނަތީޖާއެއް ނުލިބުމުން އެ މައްސަލަ ސިވިލް ކޯޓަށް ވެއްދީ ކަމަށެވެ. އަދި މިއަދު ކޯޓުން އެ މައްސަލަ ބަލައިގެންފައިވާ ނަމަވެސް ޝަރީއަތް ފެށޭނެ ދުވަހެއް އަދި މީހަތަނަށް އެނގިވަޑައިގެންފައި ނުވާ ކަމަށް ސަލީމް ވިދާޅުވި އެވެ.


އެނާ ވިދާޅުވީ ކޯޓުން ބޭރުގައި އެ މައްސަލަ ތަސްމީން ނިންމަން ބޭނުންފުޅުވާ ކަމުގައި ވަނީ ނަމަ ނާޒިމް އެ ކަމަށް މަރުހަބާ ވިދާޅުވާނެ ކަމަށާއި ނާޒިމް ބޭނުންފުޅުވަނީ ވެސް އެ ގޮތް ކަމަށެވެ.


ޑީއާރުޕީއާ ކޯލިޝަން ހަދާފައިވާ ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީނަށް ތަސްމީނު ދެއްވަން ޖެހޭ ލައްކައެއްހާ ޑޮލަރު (1.2 މިލިއަން ރުފިޔާ) ނުދެއްވައިގެން މި އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު ޔާމީން މަދަނީ ކޯޓަށް މައްސަލަ ހުށަހެޅުމާ އެކު، ދެތިން ދުވަހެއްގެ ތެރޭ އެ މައްސަލަ ވަނީ ކޯޓުން ބޭރުން ނިންމަވައިފަ އެވެ.


ފަހަކަން އައިސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޕީއޭ އާއި ޑީއާރުޕީގެ ކޯލިޝަންގެ އެއްބާރުލުން ފެންނަމުން ނުދަނީ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ލީޑާޝިޕެއް ނެތުމުގެ ސަބަބުން ކަމަށް ޔާމިން ވަނީ ރޭ ވިދާޅުވެފަ އެވެ. އަދި މިއަދު އިދިކޮޅު ފަރާތްތަކަކީ "ކަމެއް ކުރެވޭނެ ވަރު ނެތް ފަދަ ބަޔަކަށް ވެފައި" ވަނީ ޑީއާރުޕީގެ ލީޑާޝިޕްގެ ނުކުޅެދުންތެރި ކަމުން ކަމަށް ވެސް ޔާމީން ވަނީ ތުހުމަތު ކުރައްވައިފަ އެވެ.


އެ މައްސަލާގައި ތަސްމީން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.