08 May 2014, 13:58
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުގެ ވަޒީފާއަށް ލޯބިކުރާ ކަމުގައި އެ ކްލަބާއި ހަވާލުވާނެ ކަމަށް ބެލެވޭ ލުއިސް ވެން ގާލް ބުނެފި އެވެ.
ރިޕޯޓްތަކުން ބުނާ ގޮތުގައި މިހާރުގެ ނެދަލޭންޑްސް ގައުމީ ޓީމުގެ ކޯޗު ޔުނައިޓެޑްގެ ހުސްވެފައިވާ މަގާމާއި ހަވާލުވާން އެއްބަސްވެފައިވާ ކަމަށާއި އަންނަ އާދީއްތަ ދުވަހު މި ސީޒަނުގައި އެ ޓީމު ކުޅޭ އެންމެ ފަހު މެޗަށް ފަހު އެކަން އިއުލާންކުރާނެ ކަމަށެވެ.
"އަހަރެން އެ ވަޒީފާ އަށް ލޯބި ކުރަން،" ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ވެން ގާލް ބުންޏެވެ. "ކޮންމެ ކޯޗަކަށް ވެސް އެ ވަޒީފާ ވެގެންދާނީ މުހިންމު ވަޒީފާއަކަށް. އަހަރެންނަށް ޔުނައިޓެޑްގެ ކޯޗުކަން ލިބޭނެ ކަމަށް އުންމީދުކުރަން. ނަމަވެސް އެކަން އެނގޭނީ ކުރިއަށް ވާ ގޮތަކުން،"
އުމުރުން 62 އަހަރުގެ ކޯޗުގެ ނަން ޔުނައިޓެޑުން ހޯދަން މަސައްކަތްކުރާ ކޯޗުންގެ ލިސްޓުގެ އެއްވަނައިގައި އޮތް ނަމަވެސް، ވެން ގާލް ބުނީ، އަދި ކޮންޓްރެކްޓެއް ހަދާފައި ނުވާނެ ކަމަށެވެ.
"ޔުނައިޓެޑާ އެކު އަދި އެއްވެސް ކޮންޓްރެކްޓެއް ހަދާފައެއް ނުވާނެ،" އޭނާ ބުންޏެވެ. "ބައެއް ނޫސްތަކުން އެބަބުނޭ އަހަރެން ޔުނައިޓެޑަށް ސޮއިކޮށްފިއޭ. އަދި ބައެއް ނޫސްތަކުން ވަނީ އަހަރެންގެ އެސިސްޓަންޓުންގެ ގޮތުގައި މަސައްކަތް ކުރާނެ މީހުންގެ ނަންތައް ވެސް ހާމަކޮށްފައި،"
ޔުނައިޓެޑުގެ ކޯޗުކަމުން ޑޭވިޑް މޮއިސް ދުރުކުރުމާއި ގުޅިގެން އެ ކްލަބުން ހޯދަން މަސައްކަތް ކުރާ ވެން ގާލް އަކީ ކާމިޔާބީ ކޯޗެކެވެ. އެގޮތުން އޭނާ ވަނީ އަޔެކްސް އަދި އަލްކްމާރު އާއެކު ހަތަރު ފަހަރު ޔެރެޑިވިސީ ކާމިޔާބުކޮށް، ބާސެލޯނާއާއެކު އެއް ފަހަރު ލަލީގާ ހޯދައި ބަޔާން މިއުނިކް އާއެކު ބުންޑަސްލީގާ ތައްޓެއް ކާމިޔާބުކޮށްފަ އެވެ.