އައްޑޫ ސިޓީ ފޭދޫގައި އިމާރާތްކޮށްފައިވާ 25 ރޯ ހައުސް އަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރޯ ހައުސްތައް ލިބުނު ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށްފި އެވެ.

ހައުސިންގް މިނިސްޓްރީން ފޭދޫގައި އިމާރާތްކޮށްފައިވާ 25 ރޯ ހައުސް ހޯދުމަށް ކުރިމަތިލި 166 ފާރާތަށް ލިބިފައިވާ ޕޮއިންޓް މާކުސް މިއަދު ވަނީ އެ މިނިސްޓްރީ އިން އާންމުކޮށްފަ އެވެ.

އެ މިނިސްޓްރީން ބުނީ ވަގުތީ ލިސްޓް އާންމުކުރި ނަމަވެސް ޝަރުތު ފުރިހަމަވޭތޯ ބަލަން ޖެހޭ ބެލުންތައް އަދި ވެސް އިތުރަށް ބެލުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން ހައުސިން މިނިސްޓްރީން ވަނީ މިއަދު އާންމުކުރި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ. މާކުސްދީފައިވާ ގޮތް ސާފުކުރުން ބޭނުން ނަމަވެސް އަދި ޝަކުވާއެއް ހުށަހަޅަން ބޭނުން ނަމަވެސް ފޭދޫ އަވަށު އޮފީހަށް ނުވަތަ ހައުސިން މިނިސްޓްރީ އަށް ސިޓީއަކުން ހުށަހެޅިދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސަރުކާރުން ފަށާފައިވާ ބޯހިޔާވެހިކަމުގެ ސިޔާސަތުގެ ދަށުން އައްޑޫ ސިޓީގެ ފޭދޫގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކޮށްފައިވާ މީހުންގެ ނަންތައް ވެސް ވަނީ މިދިޔަ އަހަރު ޖެނުއަރީ މަހު އިއުލާންކޮށްފަ އެވެ.