ގެވެށި ގުޅުމަކުން ގުޅިގެންވާ ދެ މީހުންގެ ދެމެދުގައި ހިނގާ ގެވެށި އަނިޔާގެ މައްސަލަތައް ފުލުހުންނަށް މި އަހަރު ހުށަހެޅި މިންވަރު 25 ޕަސެންޓް ދަށްވެއްޖެ އެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ފުރަތަަމަ ހަތަރު މަސް ދުވަހު ގެވެށި އަނިޔާގެ 57 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ފުލުހުންނަށް ހުށަހަޅާފައި ވަނީ ގެވެށި އަނިޔާގެ 76 މައްސަލަ އެވެ.

ގެވެށި އަނިޔާގެ މައްސަލަ މި އަހަރު އެންމެ ގިނައިން ހުށަހަޅާފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. ޖެނުއަރީ މަހު 21 މައްސަލަ ހުށަހަޅާފައިވާ އިރު، ފެބްރުއަރީ މަހު ހުށަހަޅާފައި ވަނީ 11 މައްސަލަ އެވެ. އަދި މާޗް ގެވެށި އަނިޔާގެ 16 މައްސަލައެއް ހުށަހަޅާފައިވާ އިރު، މިދިޔަ އެޕްރީލް މަހު ހުށަހަޅާފައި ވަނީ އެންމެ ނުވަ މައްސަލަ އެވެ.

މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ގެވެށި އަނިޔާގެ މައްސަލަތައް މިދިޔަ އަހަރާ އަޅާބަލާ އިރު، މިއަހަރު ވަނީ 25 ޕަސެންޓަށް ދަށްވެފަ އެވެ.

ނަމަވެސް މިދިޔަ އަހަރު ގެވެށި އަނިޔާގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅި ނިސްބަތް ވަނީ 15 ޕަސެންޓަށް އިތުރުވެފަ އެވެ. މިދިޔަ ފުލުހުންނަށް ހުށަހެޅި ގެވެށި އަނިޔާގެ ޖުމްލަ އަދަދަކީ 207 އެވެ. އޭގެ ކުރީ އަހަރު ފުލުހުނަށް ހުށަހަޅާފައި ވަނީ 179 މައްސަލަ އެވެ.

ފުލުހުންނަށް ހުށަހަޅާ ގެވެށި އަނިޔާގެ މައްސަލަތައް ދަށްވާން ފަށާފައި ވަނީ ފުލުހުން ތަހުގީގު ކުރާ ގެވެށި އަނިޔާގެ މައްސަލަތައް މަޑުޖެހިފައިވާ ކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށެވެ. އަދި އެފަދަ މައްސަލަތަކުގައި ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ނުފޮނުވާ ކަމަށް ވެސް މައްސަލަތަކުގެ ހަސްމުން ދަނީ ބުނަމުންނެވެ.