08 May 2014, 13:24
ނިއުކްލިއަރ ނުވަތަ އެހެންވެސް ކާރިސާއެއް ގައި ފެތުރޭވިހަ މާއްދާތައް އުފުލައި، އެއްތަނުން އަނެއްތަނަށް ގެންދެވޭފަދަ ‘އުދުހޭ ތްރުޑީ ޕްރިންޓަރ’ އެއް އިނގެރޭސި ވިލާގު އިމްޕީރިއަލް ކޮލެޖް ލަންޑަންގެ އިންޖިނަރުންތަކެއް އުފައްދައިފިއެވެ.
ހަފްތާއަކު އެއްފަހަރު އިނގެރޭސި ވިލާތުގައި ނެރޭ ނިއު ސައިންޓިސްޓް މެގަޒިންގައި ޝާއިއުކޮށްފައިވާ ވީޑިއޯއެއްގައި، ހަތަރު ފިޔަގަނޑުލީ ކުއަޑްކޮޕްޓަރ އެއް އައިސް ހަތަރެސްކަން ފޮއްޓެއްގެ މައްޗަށް ހުދުކުލައިގެ ފޯމް އެއް ފަތުރާލާތަން ފެނެއެވެ. ތަތް ލަވާ ގޮތަށް “ޕޮލީ-ޔުރެތޭން” އިން އުފައްދާފައިވާ މި ފޯމް ފަތުރާލުމަށްފަހު ކުއަޑްކޮޕްޓްރ އުދުހިފައި ދުރަށް ދެއެވެ.
ދެން އަންނަނީ ހަ ފިޔަގަނޑުލާފައި ހުންނަ ހެކްސަކޮޕްޓަރ އެކެވެ. މި ކުޑަކުޑަ ހެލިކޮޕްރު އައިސް ހަތަރެސްކަން ފޮށީގެ މަތީގައި ޖައްސައެވެ. އަދި އިރުކޮޅެއްފަހުން ފޮއްޓާ އެކު އުދުއްސައިގަނެއެވެ.
ތްރީޑީ ޕްރިންޓަރ އަކާ އެކުއުފައްދާފައިވާ މި ހެލިކޮޕްޓަރ އަކީ ކޮމްޕިއުޓަރ އާއި ޖީޕީއެސް ގެ އެހީގައި އަމިއްލައަށް ދަތުރުކުރާ، “އޮޓޮނަމަސް” ހެލިކޮޕަޓަރ ތަކެއް ކަމަށް މި ޓެކްނޮލަޖީ ދިރާސާކުރަމުންދާ ސައިންޓިސްޓުން ބުންޏެވެ. އެހެން ކަމުން، އިންސާނުންގެ މާ ބޮޑު އެހީއަކާ ނުލައި، ކޮމްޕިއުޓަރ އަށް ފީޑްކުރާ ޕްރޮގްރާމް އަކާ އެއްގޮތަށް މަސައްކަތްކޮށް، ތަންތަނަށް ޖައްސައި، އެއްޗެތި އުފުލައި ހެދުމުގެ ގާބިލުކަން މި މެޝިން ތަކަށް ލިބިގެން ވެއެވެ.
މިހާތަނަށް ދިރާސާތައް އަމާޒު ކޮށްފައި ވަނީ ނިއުކްލިއަރ ކާރިސާތަކުގައި އިންސާނުންނަށް ނުފޯރާ، ނުވަތަ ވިހަ މާއްދާތައް ނެގުމަށެވެ. ނަމަވެސް ކޮންސްޓަރަކްޝަން ދާއިރާގައިވެސް މިފަދަ އުދުހޭ ތްރީޑީ ޕްރިންޓަރެއްގެ ބޭނުން ހިފިދާނެ ކަމަށް ދަނީ ބުނަމުންނެވެ. މިސާލަކަށް ބްރިޖް އެޅުން، ނުވަތަ ބިލްޑިން ތަކުގައި އިންސާނުންނަށް އަރާ އުޅެން ދަތި ހިސާބުތަކަށް މިފަދަ ހެލިކޮޕްޓަރުތައް ފުނުވައި، މަރާމާތުތައް ކުރެވިދާނެކަމަށް އެ މީހުން ދެކެއެވެ. އަދި މީގެ ގިނަ ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން ބިލްޑިންގްތައް ހަދައި، ރާވައި ހެދިދާނެ ކަމަށް ޓެކްނޮލަޖީ އިންޑަސްޓްރީއިން ވާހަކަދައްކާ ގިނަ ފަރާތްތަކަކުން ދަނީ ބުނަމުންނެވެ.
ކުރިމަގުގައި މި ހެލިކޮޕްޓަރ ތަކަކީ ބެޓަރީ ޑައުން ވުމުން، ގަސްގަހުގައި ނުވަތަ އުސް ބިލްޑިން ތަކުގައި ތައްކޮށްލައިގެން ތިބެ، އިރުގެ ހަކަތައިން ޗާޖުކޮށްލުމާށްފަހު އަނެއްކާވެސް މަސައްކަތައް ނުކުމެވޭފަދަ މެޝިންތަކަކަށް ހެދުމުގެ އުއްމީދުވެސް ސައިންޓިސްޓުން ދަނީ ކުރަމުންނެވެ.
މި ޓެކްނޮލޮޖީއިން ކުރެވިދާނެ ކަންކަން ކިތަންމެ ގިނަ ކަމުގައި ވިޔަސް، ނިއު ސައިންޓިސްޓް އިން ނެރެފައިވާ ވީޑިއޯގައި ހަތަރެސްކަން ފޮށީގެ މައްޗަށް ފޯމްތައްފަތުރާލަން ހެލިކޮޕްޓަރަށް އުނދަގޫވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން ކޮންސްޓަރަކްޝަން ފަދަ ދާއިރާތަކުގައި މި މިފަދަ ހެލިކޮޕްޓަރުތަކައި ޕްރިންޓަރުތައް ބެނުންކުރެވޭނީ މި ޓެކްނޮލަޖީ އިތުރައް ފައްކާ ކޮށްގެންނެވެ.
https://www.youtube.com/watch?v=DyAvbq8o7xI&feature=youtu.be