08 May 2014, 13:04
ޓެރަރިސްޓު ހަމަލާގެ ދަނޑިވަޅުގައި އަމަލު ކުރާނެ ގޮތުގެ ތަމްރީނު ކޯސް، 70 ފުލުހަކު ފުރިހަމަކޮށްފި އެވެ.
ޓެރަރިސްޓު ހަމާލާއެއްގެ ހާލަތުގައި ޢަމަލު ކުރާނެ ގޮތްތަކާއި އެފަދަ ހާލަތްތަކުގައި ސޭފްޓީ ޕްރޮސީޖާތަށް ގެންދާނެ ގޮތްތަށް ކިޔަވައިދީފައިވާ އެ ތަމްރީނު ކޯސް ފުރިހަމަ ކުރި ފުލުހުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމާންޑަންޓް މުހައްމަދު އިބްރާހީމެވެ.
ސެޓްފިކެޓްތަށް ހަވާލުކޮށް ދެއްވުމަށްފަހު ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން މުހައްމަދު އިބްރާހީމް ވިދާޅުވީ ޓެރަރިސްޓް އިންސިޑެންޓްތަކުގައި ޢަމަލު ކުރާނެ ގޮތްތަކާއި އެފަދަ ހާލަތްތަކުގައި ސޭފްޓީ ޕްރޮސީޖަރތަކުގެ އިތުރުން ހެކި ނަގައި ރައްކާތެރިކުރުމުގައި ގެންގުޅޭ ބެސްޓް ޕްރެކްޓިސްތަކާ ބެހޭ މޮޑިއުލްތައް އެ ޕްރޮގްރާމްގައި ކިޔަވައި ދީފައިވުމުން އެއީ ދިވެހި ފުލުހުންނަށް ވަރަށް މުހިންމު ކޯހެއް ކަމަށެވެ.
އޭގެ އިތުރުން ކުރިޔަށް އޮތްތާގައިވެސް އެމްއެންޑީއެފާއި ސެކިއުރިޓީގެ ހިދުމަތް އަދި ތަމްރީނުދޭ ފަރާތްތަކާއެކު ދިވެހި ފުލުހުންނަށް ތަފާތު އެކިކަހަލަ ތަމްރީން ޕްރޮގްރާމްތަށް ކުރިޔަށް ގެންދަވާނޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިލްސްގެ އިސް ބޭފުޅެއްކަމަށްވާ ބްރިޖާ ވިލިއަމްސް ވިދާޅުވީ އެފަދަ ޕްރޮގްރާމް ތަކަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރަން ތިބި ފުލުހުންނަށް ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ. އަދި ޓެރަރިސްޓް އިންސިޑެންޓް ތަކުގައި އަމަލުކުރާނެ ހުރިހާގޮތެއްގެ ފުރިހަމަ ތަންރީނު ލިބިފައި ތިބޭ ބަޔަކަށް ފުލުހުން ވާންޖެހޭކަމަށާއި ދިވެހި ފުލުހުންނަށް އައިލްސްގެ ފަރާތުން އަބަދުވެސް އެފަދަ ކަންކަމުގައި އެއްބާރުލުން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އެ ޓްރެއިނިންގް ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ ތެރެއިން 70 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެފައި ވެއެވެ.