08 May 2014, 12:53
އޭއެފްސީ ޗެލެންޖްކަޕްގައި ގައުމީ ޓީމުން ބޭނުންްކުރާނެ ޝިއާރެއްގެ ގޮތުގައި "މަގޭ ގައުމު - މަގޭ ޓީމް" ކަނޑައަޅައިފި އެވެ.
މި ޝިއާރު ކަނޑައަޅާފައި ވަނީ އާއްމުންގެ ފަރާތުން ލިބުނު ވޯޓާއި އެފްއޭއުމުން މިކަމަށް ކަނޑައެޅި ކޮމިޓީއަކުން ދިން ވޯޓުންނެވެ. މި ޝިއާރު ކަނޑައަޅާފައި ވަނީ އާއްމުންގެ އެއްމެ ގިނަ ބައެއްގެ ވޯޓާއި މިކަމަށް ކަނޑައެޅި ކޮމިޓީގެ ހަތަރު މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. "މަގޭ ގައުމު - މަގޭ ޓީމް" މި ޝިއާރަށް ވަނީ އާއްމުންގެ ބޮޑު ތަރުހީބެއް ލިބިފަ އެވެ. މި ޝިއާރު ކަނޑައެޅުމުން ގައުމީ ޓީމްގެ ހުރިހާ ޕްރޮމޯޝަންތަކުގަ މި ޝިއާރު ބޭނުންކުރާނެއެވެ.
"މި ޝިއާރު ކަނޑައަޅާފައި މިވަނީ ވަރަށް ގިނަ ބައެއްގެ ބައިވެރިވުން އޭގަ ހިމެނޭ ގޮތަށް، މި ޝިއާރުން ވަރަށް ބޮޑަށް ފުޓްބޯޅަ އަކީ ގައުމީ ކަމެއްގެ ގޮތުގައި ދައްކުވައިދޭ، އިރާދަކުރެއވިއްޔާ ގައުމީ ޓީމާއި އަޅުގަނޑުމެންގެ ސަޕޯޓަރުންނާއި ހުރިހާ ރައްޔިތުނާއި އެކު އަޅުގަނޑުމެން މި މުބާރާތް ކާމިޔާބު ކުރުމަށް ނުކުންނާނީ އެއް ޓީމެއްގެ ގޮތުގައި" މި ޝިއާރު ކަނޑައެޅުމާއި ގުޅިގެން އެފްއޭއެމްގެ ރައިސް އިލްހާމް އަހުމަދު ވިދާޅުވިއެވެ.
މި ޝިއާރު ކަނޑައެޅުމަށް އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ނަކީ، ދވެހި ބަހުގެ އިލްމުވެރިއެއް ކަމަށްވާ ކަށިމާ އަހުމަދު ޝާކިރު، އެފްއޭއެމްގެ ކުރީގެ ރައިސް އަބްދުﷲ ޝުކޫރު، ކުޅިވަރުގެ ދާއިރާގެ ތަޖުރިބާކާރު ނޫސްވެރިޔާ އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު އަހުމަދު ވިޝާމް، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ނައިބް ރައިސް އަބްދުލް މުހުސިން ހަމީދު އެވެ.
އެހެންނަމަވެސް ޝިއާރު ކަނޑައެޅުމަށް ބޭއްވި ފަހު ބައްދަލުވުމުގައި ޝަހީބު މާލޭގައި ނުއުޅުއްވާތީ ބައިވެރިވެވަޑައިނުގަންނަވައެވެ.
ޝިއާރުތައް ކަނޑައެޅުމުގެ މަރުހަލާތައް ގޮސްފައިވާ ގޮތަށް ބަލާއިރު އެއްމެ ފުރަތަމަ އެފްއޭއެމާއި މީޑިއާ ގުޅިގެން ""އެފްއޭއެމް މީޑިއާ ކޮމޮޓީ ފޯ އޭއެފްސީ ޗެލެންޖް ކަޕް 2014" ގެ ނަމުގައި ކޮމިޓީއެއް ކަނޑައެޅިއެވެ.
ރާއްޖޭގެ މީޑިއާތަކުން މި މުބާރާތުގައި ބޭނުންކުރާނެ ޝިއާރެއް ކަނޑައެޅުމުގެ ފުރުސަތު ހުޅުވާލުމުން ލިބުނު ދުއިސައްތަ އާއި ގާތްކުރާ ވަރަށްކަށް ޝިއާރާއި ބެހޭގޮތުން މަޝްވަރާކުރުމަށް ފަހު މި ޝިއާރުތައް ސަތާރަ ޝިއާރަށް މަދު ކުރީ މީޑިއާ ކޮމިޓީންނެވެ. އެއަށް ފަހު މި ސަތާރަ ޝިއާރު އެއްމެ ފަހުން ފަސް ޝިއާރަށް މަދުކޮށްފައި ވަނީ އެފްއޭއެމުން މި ޝިއާރުތައް ފާސްކުރުމަށް އެކުލަވާލި ކޮމިޓީންނެވެ.
އެއަށް ފަހު ރައްޔިތުން ދެކޭގޮތް ބެލުމަށްޓަކައި ރާއްޖޭގެ ބައެއް މީޑިއާތަކުން އެސްއެމްއެސް އިން ވޯޓް ދިނުމުގެ ފުރުސަތާއި އޮންލައިން ޕޯލް އެއް ހުޅުވާލެވުނެވެ. ޝިއާރު ފައިނަލްކޮށްފައި ވަނީ މިގޮތަށް ލިބުނު ހުރިހާ ވޯޓަކާއި އެސްއެމްއެސްގެ އިތުރުން ޝިއާރު ފާސްކުރަން ކަނޑައެޅި ކޮމިޓީގެ މާކުސް އިންނެވެ.