08 May 2014, 11:24
ބ. އޭދަފުށީގެ ބައެއް ހިސާބުތަކަށް ކަޅު ވާރޭ ވެހުމުން އެފެން ބޭނުން ނުކުރުމަށް އަންގައިފި އެވެ.
އޭދަފުށީ ކައުންސިލުން ބުނީ އިއްޔެ އާއި އަންގާރަ ދުވަހު އެ ރަށަށް ވެހުނު ވާރޭގައި ނުސާފު ކަމެއް ހުރި ކަމަށެވެ. އަދި އެފެން ނެގި ފަރާތްތަކަށް އެފެން ބޭނުން ނުކޮށް އުކާލުމަށް އަންގާފައިވާ ކަމަށެވެ.
އޭދަފުށީ ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓްގެ އޮފިޝަލަކު ވިދާޅުވީ އަންގާރަ ދުވަހުގެ މެންދުރު ފަހު އެ ރަށަށް ވެހުނު ވާރޭގައި ކަޅު ކުލަ ހުރި ކަމުގެ ޝަކުވާ ދެ ގެއަކުން ކުރުމުން އެކަން ބަލާފައިވަ ކަމަށެވެ. އޮފިޝަލު ވިދާޅުވީ ކަޅު ވާރޭ ވެހިފައި ހުރީ އެރަށުގެ ބައެއް ހިސާބުތަކަށް ކަމަށާއި ރަށުގެ ހުރިހާ ހިސާބަކަށް އެވާރޭވެހިފައިނުވާ ކަމަށެވެ.
އޭދަފުށްޓައް ވެހުނު ކަޅުވާރޭ ތަހުލީލު ކުރެވޭނެ ގޮތެއް އެރަށުގައި ނެތުމުން، އެފެނަކީ ސިއްހީ ގޮތުން ރައްކާތެރިފެނަކަށް ނުވާތީ ހަމައެކަނި ފެން ބޭނުން ނުކުރުމަށް އެންގީ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިއްޔެ ވެހުނު ވާރޭގައި ވެސް ކަޅު ކުލަ ހުރި ކަމަށް އެއްގެއިން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެގޭ މީހުންނަށް ވެސް އެ ފެން ބޭނުން ނުކުރުމަށް ބުނެފައިވާނެ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.