08 May 2014, 10:52
ކޯޓުތަކަށް ހާޒިރުވެ ވަކާލާތު ކުރުމުގެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ބުނެ ކޯޓުތަކަށް ހާޒިރުވުމަށް ޕީޖީ އޮފީހުން އަނެއްކާ ވެސް ދެކޮޅު ހަދައިފި އެވެ.
ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުން ވެސް ބުނީ އެ ދެ ކޯޓަށް ހާޒިރުވެވެން ނެތް ކަމަށް ބުނެ ޕީޖީ އޮފީހުން އަނެއްކާ ވެސް މިއަދު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އެ ދެ ކޯޓުން ބުނީ ކޮންމެ ދުވަހަކު އެ ދެ ކޯޓުގައި އަޑުއެހުންތައް ތާވަލުކުރާ ކަމަށާއި ނަމަވެސް ޕީޖީ އޮފީހުގެ ވަކީލުން ކޯޓަށް ވަޑައިނުގަންނަވާތީ ޝަރީއަތްތައް ބޭއްވޭނެ ގޮތެއް ނުވެފައިވާ ކަމަށެވެ.
ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ބުނެ ޕީޖީ އޮފީހުގެ ވަކީލުން ކޯޓުތަކަށް ހާޒިރުވާން ދެކޮޅު ހައްދަވާ އިރު، ޕީޖީ އޮފީހުގައި ހުރި ޕްރޮސިކިއުޝަން ދާއިރާގެ އެންމެ އިސް ބޭފުޅަކާ އެ އޮފީހުގެ ހިންގުން ހަވާލުކޮށް މަސްއޫލިއްޔަތު އަދާކުރެވޭނެ ކަމަށް ބަންޑާ ނާއިބް އިއްޔެ ވަނީ ލަފާދެއްވައިފަ އެވެ.
އެކަމާ ގުޅޭގޮތުން ޝަރުއީ ދާއިރާގެ އެންމެ އިސް ފަރާތްކަމަށްވާ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވީ ކޯޓުތަކަށް ހާޒިރުވެ ވަކާލާތު ކުރުމުގެ ގާނޫނީ އެއްވެސް ހުރަހެއް ޕީޖީ އޮފީހުގެ ވަކީލުންނަށް ނެތް ކަމަށާއި ސުޕްރީމް ކޯޓުން މީގެ ކުރިން ނެރެފައިވާ އަމުރުން އެކަން އެނގިގެންދާނެ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޕީޖީ އޮފީހުގެ ވަކީލުން ކޯޓުތަކަށް ހާޒިރުނުވާން ނިންމަވާފައިވާ ނަމަ އެކަން ހައްލު ކުރަންޖެހޭނީ އެ މައްސަލައެއް ބައްލަވާ ކޯޓަކުން ކަމަށެވެ.
ގާނޫނު ބުނާ ގޮތުން ޕީޖީގެ މަގާމު ހުސްވެއްޖެ ނަމަ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހެ އެވެ. ނަމަވެސް ކުރީގެ ޕީޖީ އަހުމަދު މުއިއްޒު އިސްތިއުފާ ދެއްވިތާ ފަސް މަހަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައެއް ނުވެ އެވެ. ސަރުކާރުން ވަނީ ސަރުކާރުގެ މަސްއޫލިއްުޔަތު އަދާކޮށް ގާނޫނީ މުއްދަތުގެ ތެރޭގައި ބޭފުޅެއްގެ ނަންފުޅު މަޖިލީހަށް ހުށަހަޅައިފަ އެވެ.