08 May 2014, 09:40
އާއިލީ ބޭފުޅަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މަސައްކަތް ކުރައްވާކަމަށް ބުނެ އެމްޑީޕީން ވާހަކަތައް ދައްކަނީ ކަމުގެ ހަގީގަތް ރައްޔިތުން އޮޅުވާލުމަށް ކަމަށް ރައީސްގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މުއާޒު ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އަހްމަދު މުއިއްޒު މަގާމުން އިސްތިއުފާދެއްވުމުން ގާނޫނުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން ރައީސް ޔާމީން މަޖިލީހަށް ނަންފުޅެއް ފޮނުއްވި ކަމަށެވެ. ނަމަވެސް އެ ނަންފުޅަށް މަޖިލީހުން ވޯޓަށް އަހާފައި ވަނީ ވަރަށް ގިނަ ދުވަސްތަކެއް ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމް ހުސްވިތާ ލަސްތަކެއްނުވެ ރައީސް ވަނީ މަޖިލީހަށް ނަންފުޅެއް ފޮނުއްވާފައި. އެނގިވަޑައިގަންނަވާތޯ މައުމޫން ހަމީދުގެ ނަންފުޅަށް ވޯޓަށް އެހިގެންދިޔައީ ކިތައް ދުވަސް ފަހުންކަން،" މުއާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި އެމްޑީޕީ އަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން އަމަލުކޮށްފައި ވަނީ އެއްވެސް ޒިންމާދާރުކަމެއް ނެތްގޮތަށް ކަމަށާއި ރައްޔިތުންނަށް އެކަން އެނގޭނެ ކަމަށެވެ.
ޕީޖީގެ މަގާމުގައި ބޭފުޅަކު ނެތުމަކީ ސަރުކާރުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި ރައީސް މަޖިލީހަށް ފޮނުވި ނަންފުޅު ފާސްނުވުމުން ލަސްތަކެއް ނުވެ ދެވަނަ ފަހަރަށް އެ މަގާމަށް ކުރިމަތިލުމަށް އިއުލާން ކުރި ކަމަށް މުއާޒު ވިދާޅުވި އެވެ. ނަމަވެސް އަނެއްކާ ވެސް ތިން ވަނަ ފަހަރަށް އެ މަގާމަށް އިއުލާން ކޮށްފައި ވަނީ ކުރިމަތިލެއްވި ބޭފުޅުންގެ މަދުކަމުން "ރައީސް އަތުގައި ހުރި ޗޮއިސް" މަދުކަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޖީގެ މަގާމަށް އައްޔަން ކުރާނެ ބޭފުޅެއްގެ ނަންފުޅު މި މަޖިލީހަށް ނުފޮނުވުމަށް ސަރުކާރުން ކުރީއްސުރެ ނިންމާފައިނުވާނެ ކަމަށާއި މި މަޖިލީހަށް ނަންފުޅު ނުފޮނުއްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވަނީ އެކަމަށް އެކަށީގެންވާ ވަގުތު ނެތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.