29 Dec 2010, 09:00
ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރުގެ "މޯލްޑިވްސް ރިފޯމް މޫވްމަންޓް" ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މީހުންގެ ސޮއި މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ އޮފިޝަލުންނާ އެކު މިއަދު އިލެޝަންސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި 3258 މީހުންގެ ސޮއި ހިމެނޭ ލިސްޓް އިލެކްޝަންސް ކޮމިޝަންސްގެ ރައީސް ފުއާދު ތައުފީގާ ހަވާލުކޮށް ދެއްވީ މޯލްޑިވްސް ރިފޯމް މޯވްމަންޓްގެ ވަގުތީ ރައީސް ޑރ. މުހައްމަދު މުނައްވަރެވެ.
މޯލްޑިވްސް ރިފޯމް މޫވްމެންޓްގައި ރަޖިސްޓަރީވި 3000 އަށް ވުރެ ގިނަ މީހުންގެ ލިސްޓާ ހަވާލުވެވަޑައިގަތުމަށް ފަހު ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ މޯލްޑިވްސް ރިފޯމް މޯވްމެންޓް ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ނަންތަކާއި ލިޔުންތައް ދިރާސާކުރުމުގެ ޕްރޮސެސް ވަރަށް ހަލުއިކަމާ އެކު ކުރިޔަށް ގެންދާނެ ކަމަށާއި އެކަން ނިމުނުހާ އަވަހަކަށް ރަސްމީކޮށް ޕާޓީ ރަޖިސްޓްރީކޮށް ލިޔުން ދޭނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މި ޕްރޮސެސް ނިމޭއިރު އޮންނާނީ ޕާޓީ ރަޖިސްޓްރޭޝަން ފުރިހަމަވެ ރަޖިސްޓްރީ ދެވޭވަރުވެފައި. އެހެންވީމާ އަޅުގަނޑު ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން،" ފުއާދު ވިދާޅުވި އެވެ.
ޑރ. މުނައްވަރު މިއަދު ވިދާޅުވީ އެޕާޓީން ހުށަހެޅި 3000 އަށް ވުރެ ގިނަ ފޯމްތައް ފުރާފައި ވަނީ އިލެކްޝަންސްގެ ގަވައިދާ އެއްގޮތަށް ހުރިހާ ކަމެއް ފުރިހަމަކޮށްގެން ކަމަށާއި ކޮމިޝަނަށް އެއްވެސް ސުވާލެއް އުފެދޭވަރުގެ ފޯމެއް ނޯންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މުނައްވަރު ވިދާޅުވީ ރާއްޖޭގެ އާބާދީއަކީ ވަރަށް ޒުވާން އާބާދީއެއް ކަމަށާއި ކޮމިޝަނަށް ހުށަހެޅި މެންބަރުންގެ ލިސްޓަކީ ވަރަށް ޒުވާން މެންބަރުންގެ ލިސްޓެއް ކަމަށެވެ. އަދި އެ ލިސްޓްގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ފަރިތަ ނަމެއް އަދި ނޫޅޭނެ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި ކޮމިޝަނުން ބަލާ ބެލުންތަކަށް ފަހު ޕާޓީ ރަޖިސްޓްރީވުމުން ޖެނުއަރީ ދެވަނަ ހަފުތާގެ ތެރޭގައި ޕާޓީގެ ޖަލްސާ ބާއްވާނެ އެވެ. އަދި ފެބުރުއަރީ މަހުގެ ތެރޭގައި ސިޔާސީ ހަރަކާތަށް ޕާޓީ ނުކުންނާނެ އެވެ.
މުނައްވަރު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހަގީގަތަކީ ގުޅިންގެން މަސައްކަތް ކުރާ ނަމަ ކާމިޔާބުވުން ކަމަށްވާތީ މޯލްޑިވްސް ރިފޯމް މޯވްމަންޓްގެ ފިކުރާއި ހިޔާލު އެއްގޮތް ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށާއި ކުޑަ ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ވުރެ ބޮޑަށް ސިޔާސީ ބޮޑު ހަރަކާތްތަކަށް ދާން ބޭނުންވާ ކަމަށެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޑރ. މުނައްވަރަށް ހުއްދަ ދެއްވީ މި އަހަރުގެ އޭޕްރީލް މަހު އެވެ. ރާއްޖޭގައި 13 ސިޔާސީ ޕާޓީ މިހާތަނަށް ރަޖިސްޓްރީކޮށްފައިވެ އެވެ.
ޑރ. މުނައްވަރަކީ ރާއްޖޭގައި ފުރަތަމަ ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީ، އެމްޑީޕީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ.