08 May 2014, 09:24
ބެންކޮކް (މޭ 8) : ތައިލެންޑްގެ ކެބިނެޓުން އެގައުމުގެ އައު ބޮޑުވަޒީރަކަށް ވިޔަފާރިއާ ބެހޭ ވަޒީރު ނިއުތަމްރޯންގެ ބޮންސެން އިޚްތިޔާރުކޮށްފި އެވެ. ނަމަވެސް އޭނާ ބޮޑުވަޒީރަކަށް ވެވަޑައިގަންނަ ވާނީ ރަސްގެފާނުގެ ތާއީދުލިބުމާ އެކު އޭނާއަށާއި އޭނާ އެކުލަވާލައްވާ ކެބިނެޓަށް ތައިޕާލަމެންޓްގެ ރުހުންވެސް ލިބިގެންނެވެ.
ތައިލެންޑްގެ ކެބިނެޓުން ބޮޑުވަޒީރު ކަމުގެ މަގާމަށް އައު ބޭފުޅަކު އިޚްތިޔާރުކުރީ ތައި ބޮޑުވަޒީރު ޔަންގްލަކް ޝިނަވަޓްރާގެ މަގާމު ގެއްލިފައިވާ ކަމަށް އެގައުމުގެ ދަސްތޫރީ ކޯޓުން ހުކުމް ކުރުމާގުޅިގެންނެވެ. ޔަންގްލަކް މަގާމުން ދުރުކުރި ނަމަވެސް އައު އިންތިޚާބެއް ބާއްވަންދެން ތައިލެންޑްގައި ވެރިކަންކުރާނީ ޔަންގްލަކްގެ ފެއުތައި ޕާޓީންނެވެ.
ޔަންގްލަކް ވަނީ ތައިލެންޑްގެ ރައްޔިތުންގެ ހައްގުގައި އެއްވެސް ކުށެއް ކުރައްވާފައި ނުވާކަމަށް ވިދާޅުވެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. ނަމަވެސް ތައިލެންޑްގެ ދަސްތޫރީ ކޯޓުން (ސްޕރީމްކޯޓުން) ވަނީ ޔަންގްލަކްގެ ބޮޑުވަޒީރުކަމުގައި އެކަމަނާ ގާނޫނުތަކާ ޚިލާފުވެ ސިޔާސީ އަމިއްލަ ފައިދާއަށް މަސައްކަތްކުރައްވާފައިވާކަން ސާބިތުވާކަމަށް ބުނެފަ އެވެ. މިގޮތުން ތައިލެންޑްގެ ގައުމީ ސަލާމަތާ ބެހޭ ވެރިޔާގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގައި ޔަންގްލަކް މަގާމުގެ ބާރާއި ނުފޫޒު ނުހަމަގޮތުގައި (ގާނޫނާ ޚިލާފަށް) ބޭނުންކުރައްވާފައިވާ ކަމަށް ބުނެ ދަސްތޫރީ ކޯޓުން ވަނީ ޔަންގްލަކްގެ މަގާމް ގެއްލިފައިވާ ކަމަށް ޙުކުމްކޮށްފަ އެވެ.
ޔަންގްލަކް އާއި އޭނާގެ ޕާޓީން ވަނީ މިކަމަށް އިންކާރުކޮށް މިއީ އިދިކޮޅު ފަރާތްތަކުގެ ރޭވުމެއްގެ ދަށުން ކުރި ހުކުމެއް ކަމަށް ސިފަކޮށްފަ އެވެ. ޔަންގްލަކް އަށް ބޮޑުވަޒީރު ކަމުގެ މަގާމް ގެއްލުނުނަމަވެސް ޕާލަމެންޓްގެ މުއްދަތު ހަމަވުމާހަމައަށް އެ ޕާޓީ އަށް ވެރިކަމުގައި އޮވެވޭނެ އެވެ.
ޔަންގްލަކްގެ ފެއުތައި ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ގަތަބޯން ބުރުންބާން ވަނީ ތައި ދަސްތޫރީ ކޯޓުން ޔަންގްލަކް ބޮޑުވަޒީރުކަމުގެ މަގާމުން ދުރުކުރާނެކަން ކުރިން ވެސް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކުން ތައިލެންޑްގެ ޑިމޮކްރަސީއަށް ހުރަސްއަޅާ ކަމުގެ ތުހުމަތު ކުރައްވާފަ އެވެ. ފެއުތައި ޕާޓީގެ އެކްޓިވިސްޓުން މަޝްހޫރުވެފައިވަނީ ރެޑްޝާޓް މީހުންގެ ގޮތުގައެވެ. (ނޫސްއެޖެންސީތައް)