ބެލްޖިއަމްގެ ބްރަސަލްސްގައި ކުރިޔަށް ގެންދާ ޔޫރަޕިއަން ސީފުޑް އެކްސްޕޯގައި ރާއްޖޭގެ އަށް ކުންފުންޏަކުން ބައިވެރިވެއްޖެ އެވެ.

މިމަހު ހަ ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިޔަށްގެންދާ އެ ފެއާގެ މަގްސަދަކީ ރާއްޖޭގެ މަސްވެރިން ބާނާ މަހަށް ދުނިޔޭގެ ބާޒާރުގައި ރަނގަޅު އަގު ހޯދައިދީ ދިވެހި މަސްވެރިން ބާނާ މަހަކީ ދުނިޔޭގެ މަހުގެ ބާޒާރުގައި އިތުބާރާއި މަގުބޫލުކަން ލިބިފައިވާ އުފެއްދުމަކަށް ހަދައިދިނުމަށް މަސައްކަތް ކުރުމެވެ.

ޔޫރަޕުގެ ސީފުޑް އެކްސްޕޯގައި ބައިވެރިވި ރާއްޖޭގެ ކުންފުނިތަކަކީ ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އާއި ފެލިވަރު ފިޝަރީޒް މޯލްޑިވްސް އާއި މިފްކޯގެ އިތުރުން އަމިއްލަ ފަސް ކުންފުންޏެވެ. އަދި ފިޝަރީޒް ޕްރޮމޯޝަން ބޯޑުގެ ފުރިހަމަ އެއްބާރުލުމާއެކު ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވެސް އެ ފެއާގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މި ފެއާގައި ބައިވެރިވި ކޫއްޑޫ ފިޝަރީޒްގެ ފަރާތުން ވިދާޅުވި ގޮތުގައި، މި ފެއާގެ ސަބަބުން މުޅިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް މީގެ ފައިދާކުރާނެ އެވެ. މަސް ގަންނަ ފަރާތްތަކާއި އެކު ކުރެވޭ މަޝްވަރާތަކުން އިތުރު މާރކެޓްތައް ހޯދި، މަސްވެރިން އަތުން މަސް ގަންނަ އަގަށް ހެޔޮބަދަލެއް ގެނެވޭތޯ ވަރަށް ގިނަމަސައްކަތްތަކެއް ކުރެވެމުން އަންނަކަމަށް ވެސް ކޫއްޑޫއިން ވިދާޅުވި އެވެ.

"ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ދޮށީގެ މަސްވެރިކަން ކުރިނަމަވެސް ރާއްޖޭގައި މިބާނާ މަހަކީ މުޅީން ތަފާތުކޮށް ތިމާވެއްޓާއި ރައްޓެހި މަސްވެރިކަމުގެ ނިޒާމް ހަލާކުވެ ނެތިގެން ނުދާނެ އުސޫލަކަށް ބެލިގެން، ގިނަ ދުވަހަށް ދެމެހެއްޓޭ ގޮތަށް ކުރާ މަސްވެރިކަމެއް. މިގޮތަށް މި މަސްވެރިކަންކުރަނީ ހަމައެކަނި ރާއްޖޭގައި ކަމަށް ވުމާއެކު، ރާއްޖެއަށް ބާނާ މަހަކީ ފެންވަރު ރަނގަޅު، ކޮލިޓީވެސް ރަނގަޅު މަސްކަމަށާއި، ވުމާއެކު މި މަހަށް ރަގަނޅު އަގުވެސް ލިބެންވާނެ ކަމަށް ވަކާލާތުކޮށް މިކަން ދުނިޔޭގެ މަސްގަންނަ ކުންފުނިތަކަށް އަންގައިދީ ޕްރޮމޯޓްކުރުމަށް މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން،" ކޫއްޑޫއިން ބުންޏެވެ.

މިފްކޯ އިން ބުނީ ފެއާގައި ބައިވެރިވުމުގެ ސަބަބުން މިފްކޯގެ އުފެއްދުންތައް ދުނިޔޭގެ އެހެން ބާޒާރުތަކަށް ތައާރަފްވެ ދިވެހިން ބާނާ މަހަށް ދުނިޔޭގެ ބާޒާރުގައި އިތުބާރާއި މަގުބޫލުކަން ލިބޭނެ ކަމެއް ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ

ރާއްޖެ އިން ޔޫރަޕަށް ބޭރުކުރާ މަހުން ޑިއުޓީ ނެގިކަމުގައި ވިޔަސް ޔޫރަޕްގެ ބާޒާރުގައި ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް އޮންނަ ތާއީދު ކުޑަ ނުވާނެ ކަމަށް މިފްކޯ އިން ބުނެ އެވެ. އަދި ޔޫރަޕްގެ މަހުގެ ފެންވަރު ވަޒަންކޮއްދޭ ސެޓްފިކެޓް ކަމަށްވާ "އެމްއެސްސީ" އަދި "ފްރެންޑް އޮފްދަ ސީ" ސެޓްފިކެޓް މިފްކޯއަށް ލިބިފައި އޮތުމުން އެއީ ދުނިޔޭގެ ވާދަވެރި މަހުގެ ބާޒާރުގައި ކުރިޔަށް ދެވިފައިވާ އިތުރު ހަރުފަތެއް ކަމަށް މިފްކޯ އިން ބުނެ އެވެ.