08 May 2014, 09:05
ލަންޑަން (މޭ 8) : ކާބޯތަކެތި ނުލިބުމުގެ ސަބަބުން ސޮމާލިޔާގެ ބައިލައްކައަށް ވުރެ ގިނަ ކުޑަކުދިން މަރުގެ ތުންފަތްމަތީގައިވާ ކަމުގެ އިންޒާރު އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދީފި އެވެ.
ބައިނަލްއަގްވާމީ ފެންވަރުގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ 22 ޖަމްއިއްޔާއެއް ގުޅިގެން އިއްޔެ ނެރުނު ރިޕޯޓެއްގައި ސޮމާލިޔާގައި ހައިހޫނުކަން ތަހައްމަލް ކުރަމުންގެންދާ މީހުންނަށް ކާބޯތަކެތީގެ އަވަސްއެހީ ފޯރުކޮށްނުދެވިއްޖެ ނަމަ އެގައުމުގެ ބައިލައްކައަށް ވުރެ ގިނަ ކުޑަކުދިން ވަރަށް އަވަހަށް ބަނޑަށް މަރުވެދާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ.
ދުނިޔޭގެ އެކިގައުމުތަކުގައި ހައިހޫނުކަން ތަހައްމަލް ކުރަމުން ގެންދާ ނިކަމެތީންނަށް ކާބޯތަކެއްޗާއި ބޭހާއި އަންނައުނު ފަދަ އިންސާނީ އެހީގެ ތަކެތި ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ22 ޖަމްޢިއްޔާއެއް ގުޅިގެން ނެރުނު މި ރިޕޯޓްގައި ސޮމާލިޔާގެ ބައިލައްކައަށް ވުރެ ގިނަ ކުޑަކުދިންގެ ފުރާނަ ސަލާމަތް ކުރުމަށް ޓަކައި އެކުދިންނަށް ކާބޯތަކެއްޗާއި ބޭހުގެ އަވަސް ޝިޕްމަންޓްތަކެއް ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖްތަމައަށް އިލްތިމާސްކޮށްފައިވެ އެވެ. މިރިޕޯޓް ބުނާގޮތުން 25 އަހަރަށް ވުރެ ގިނަދުވަސްވީ ދާޚިލީ ހަނގުރާމައިގެ ސަބަބުން ސޮމާލިޔާގެ އާންމު ރައްޔިތުންގެ ތިންބައިކުޅަ އެއްބައި ހައިހޫނުކަމާއި ބަލިމަޑުކަން ވަރަށް ވޭން ދެނިވި ގޮތެއްގައި ތަހައްމަލް ކުރަމުން ގެންދާއިރު މިކަމުގެ ޝިކާރައަކަށް އެންމެ ބޮޑަށްވެފައި ވަނީ އެގައުމުގެ ކުޑަކުދިންނެވެ. މިގޮތުން ސޮމާލިޔާގެ ލައްކައަކަށް ވުރެ ގިނަ ކުޑަކުދިން ކާޑުބަލީގެ ޝިކާރައަކަށްވެފައިވާ އިރު މީގެތެރެއިން ބައިލައްކައަށް ވުރެ ގިނަ ކުދިންނަކީ ހައިހޫނުކަމުގެ ސަބަބުން މަރުގެ ތުންފަތްމަތީގައިތިބި ކުދިންކަމަށް މިރިޕޯޓްގައި ސިފަކޮށްފައިވެ އެވެ.
އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އިނގިރޭސިވިލާތުގެ ޖަމްއިއްޔާއެއް ކަމަށްވާ އޮކްސްފާމްގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ އިޑް ޕޮމްފްރިޓް ވިދާޅުވި ގޮތުގައި މިރިޕޯޓްގެ ބޭނުމަކީ ސޮމާލިޔާގެ ލައްކައެއްހާ ކުޑަކުދިން ބަނޑުފުރާނަ މުއްތިކުރުމަށް ޓަކައި ކާބޯތަކެއްޗަށް އެދި ކުރަމުންގެންދާ އާދޭހުގެ އަޑު ބައިނަލްއަޤްވާމީ މުޖްތަމައަށް އިއްވުމެވެ.
ސޮމާލިޔާއަކީ 1991 ވަނަ އަހަރުން ފެށިގެން ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓުމުގެ ސަބަބުން މުޅިން ވީރާނާވެފައިވާ ގައުމެކެވެ. ހަނގުރާމައާއި ހަނަފަސްކަމުގެ ސަބަބުން ދަނޑުތައް ހަލާކުވެ ގެރިބަކަރި ފަދަ ނަޢާމު ސޫފިތައް ވެސް މަރުވުމުގެ ސަބަބުން ކުރިމަތިވެފައިވާހައިހޫނުކަމުގެ އިތުރުން ބަލިތަކަށް ފަރުވާލިބޭނެ ގޮތެއްވެސް ނެތުމުން ކޮންމެ އަހަރަކު ވެސް ހައިހޫނުކަމާއި ބަލިމަޑުކަމުގައި އެތަށްލައްކަ ބަޔަކުސޮމާލިޔާއިން މަރުވަމުންދެ އެވެ. އަނެއްކޮޅުން ހައިހޫނުކަން ތަހައްމަލް ކުރާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ބޭރުގެ ޖަމާއަތްތަކަށް ސޮމާލިޔާގެ ހަނގުރާމަވެރިން ހުރަސްއަޅާ މައްސަލައަކީ ވެސް ބޮޑު މައްސަލައެކެވެ. މިހުރިހާ ސަބަބުތަކާ ގުޅިގެން ފަހުގެ ތާރީޚުތަކަށް ބަލާއިރު 2011 ވަނަ އަހަރުވެސް ދެލައްކަ ފަންސާސްހާހަށްވުރެ ގިނަމީހުން ހައިހޫނުކަމުގައި ސޮމާލިޔާއިން މަރުވެފައިވެ އެވެ.
ސޮމާލިޔާ އޮންނަ އެފްރިކާގެ ދަޅުގެ ސަރަހައްދަށް ބަލާއިރު އެސަރަހައްދުގެ ގައުމުތަކުގައި ވެސް ޖުމްލަ 13 މިލިޔަންމީހުން ކާބޯތަކެތީގެ އެހީއަށް ބޭނުންވެފައިވާ ކަމަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ޖަމާއަތްތަކުން ބުނެއެވެ. ސޮމާލިޔާގައި ހައިހޫނުކަން ތަހައްމަލްކުރާ އެތަށް މިލިޔަން މީހުންނަށް މިއަހަރަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދިނުމަށް މަދުވެގެން 822 މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށް އެހީދޭ ޖަމާއަތްތަކުން ބުނެއެވެ. (ބީބީސީ)