08 May 2014, 00:46
އިނގިރޭސި ލީގުގެ ޗެލްސީ އަށް ކުޅެމުންދާ ހަތަރު ކުޅުންތެރިންނާއެކު އަންނަ މަހު އަމިއްލަ ގައުމުގައި ބާއްވާ ވޯލްޑް ކަޕަށް ބްރެޒިލްގެ 23 ކުޅުންތެރިންގެ ސްކޮޑު އިއުލާންކޮށްފި އެވެ.
ބްރެޒިލް ކޯޗު ލުއިސް ފިލީޕޭ ސްކޮލާރީގެ ސްކޮޑުން ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ޖާގަ ދިން އިރު، ތަޖުރިބާކާރު ކުޅުންތެރިންތަކަކަށް ވަނީ ފުރުސަތު ގެއްލިފަ އެވެ. އެގޮތުން 2010 ވަނަ އަހަރު ސައުތު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕުގައި ވިދާލި ކަކާ އާއި ރޮނާލްޑީނިއޯ އަދި ރޮބީނިއޯ އަށް ވަނީ ފުރުސަތު ގެއްލިފަ އެވެ.
ސްކޮލާރީ އިއުލާންކުރި ސްކޮޑުގައި ހިމެނޭ 23 ކުޅުންތެރިންގެ ލިސްޓުގައި މިދިޔަ އަހަރު ބޭއްވި ކޮންފެޑެރޭޝަންސް ކަޕުގައި ބްރެޒިލް އަށް ކުޅުނު 16 ކުޅުންތެރިންނަށް ވަނީ ޖާގަ ލިބިފަ އެވެ. ކުރިން ހީކުރެވުނު ގޮތާ ހިލާފަށް ލިވަޕޫލްގެ ޒުވާން މިޑްފީލްޑަރު ފިލީޕޭ ކޫޓޫނިއޯ އަށް ޖާގަ ލިބިފައެއް ނުވެ އެވެ.
ސްކޮލާރީ ވަނީ 23 ކުޅުންތެރިންގެ ސްކޮޑާއެކު ހަތަރު ކެޕްޓަނުން ވެސް އިއުލާން ކޮށްފަ އެވެ. ކެޕްޓަނުންގެ ގޮތުގައި ސްކޮލާރީ ނެގި ހަތަރު ކުޅުންތެރިންނަކީ ޕެރިސް ސެއިންޓް ޖާމެންގެ ޑިފެންޑަރު ތިއާގޯ ސިލްވާ އާއި ޗެލްސީ ޑިފެންޑަރު ޑޭވިޑް ލުއިޒް އާއި ފުލުމިނެންސްގެ ތަޖުރިބާކާރު ފޯވަޑް ފްރެޑް އަދި އެމެރިކާގެ ޓޮރޮންޓޯ އެފްސީ އަށް ކުޅޭ ގޯލްކީޕަރު ހޫލިއޯ ސެޒާ އެވެ.
ބްރެޒިލްގެ ސްކޮޑަށް ނެގު ކުޅުންތެރިން:
ގޯލްކީޕަރުން: ހޫލިއޯ ސެޒާ (ޓޮރޮންޓޯ)، ޖެފަސަން (ބޮޓަފޮގޯ)، ވިކްޓާ (އެތުލެޓިކޯ މިނޭރޯ)
ޑިފެންޑަރުން: ޑާންޓޭ (ބަޔާން މިއުނިކް)، ޑޭވިޑް ލުއިސް (ޗެލްސީ)، ހެންރީކޭ (ނަޕޯލީ)، ތިއާގޯ ސިލްވާ (ޕީއެސްޖީ)، ޑެނީ އަލްވޭސް (ބާސެލޯނާ)، މައިކޮން (ރޯމާ)، މާސެލޯ (ރެއާލް މެޑްރިޑް)، މެކްސްވެލް (ޕީއެސްޖީ)
މިޑްފީލްޑަރުން: ފެނާންޑީނިއޯ (މެންޗެސްޓާ ސިޓީ)، ހެނާނޭސް (އިންޓަ މިލާން)، ލުއިސް ގުސްޓާވޯ (ވުލްފްސްބާގް)، އޮސްކާ (ޗެލްސީ)، ޕައުލީނިއޯ (ޓޮޓެންހަމް)، ރަމިރޭސް (ޗެލްސީ)، ވިލިއަން (ޗެލްސީ)
ފޯވަޑުން: ބެނާޑް (ޝަކްޓާ ޑޮނެޓްސްކް)، ފްރެޑް (ފުލުމިނެންސް)، ހަލްކް (ޒެނިތު ސެއިންޓް ޕީޓަސްބާގް)، ޖޯ (އެތުލެޓިކޯ މިނޭރޯ)، ނޭމާ (ބާސެލޯނާ)