ތެލެސީމިއާ ދަފްތަރުގައި ކޮންމެ އަހަރަކު ވެސް އަލަށް 26 މީހުން ރަޖިސްޓްރީ ކުރާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

މާދަމާ ފާހަގަކުރާ ބައިނަލްއަގުވާމީ ތެލެސީމިއާ ދުވަހާ ގުޅުވައިގެން ނަސަންދުރަ ޕެލަސް ހޮޓެލްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތެލެސީމިއާ ހުރި ކަމަށް މިހާތަނަށް 500 މީހުން ރަޖިސްޓްރީ ކޮށްފައި ތިބިއިރު، ކޮންމެ އަހަރަކު ވެސް އަލަށް 26 މީހުން ތެލެސީމިއާ ދަފްތަރުގައި ރަޖިސްޓްރީ ކުރާ ކަމަށެވެ.

ތެލެސީމިއާ އަކީ ވަރަށް ހިތްދަތި ތަޖުރިބާ ތަކެއް ކުރަންޖެހޭ ބައްޔެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ހާއްސަކޮށް އަތޮޅުތަކުގައި ތިބި ތެލެސީމިއާ ކުދިންގެ ބެލެނިވެރިން ހިތްދަތި ތަޖުރިބާ ތަކެއް ތަހައްމަލް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ އާބާދީގެ 18 ޕަސެންޓަކީ ތެލެސީމިއާ ކެރިއަރުންނަށް ވާއިރު، ކޮންމެ ފަސް މީހަކުން އެކަކީ ތެލެސީމިއާ ކެރިއަރެކެވެ.

ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ، ކޮންމެ އަހަރަކު ވެސް މޭ މަހުގެ އަށް ވަނަ ދުވަސް ތެލެސީމިއާ ދުވަހުގެ ގޮތުގައި ފާހަގަ ކުރުމުގެ ބޭނުމަކީ އެ ބައްޔާ ބެހޭގޮތުން މީހުން ހޭލުތެރިކޮށް އެފަދަ ކުދިން ތަހައްމަލް ކުރާ ވޭނަށް ލުޔެއް ހޯދަ ދިނުމަށް މަސައްކަތް ތަކެއް ކުރުން ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ޑެސްފެރޯލް ޕަމްޕްގެ ބޭނުން މިވަގުތަށް އެންމެ މުހިއްމު 28 ކުއްޖަކަށް ވަނީ ޕަމްޕް ހަވާލުކޮށްދީފަ އެވެ. އަދި ތެލެސީމިއާ ސޮސައިޓީން ވަނީ ތެލެސީމިއާ ކުދިންގެ ބެލެނިވެރިންނަށް ހާއްސަކޮށް އެ ބައްޔާބެހޭ ފޮތެއް ނެރެފަ އެވެ.

ތެލެސީމިއާ ކުދިންނަށް އެހީތެރިވުމުގެ ގޮތުން ޑރ. ފަރުޒާނާ ކޮށްދެއްވި ހިދުމަތްތަކުގެ އަގުވަޒަންކޮށް މިރޭގެ ހަފުލާގައި އެކަމަނާއަށް ވަނީ ފިލައެއް އަރުވައިފަ އެވެ.