07 May 2014, 17:13
ކުޑަ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކޮށް، އެ ކުއްޖާއަށް ހަމަލާދިނުމަށް ފަހު ފިލައިގެން އުޅޭ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އުމުރުން 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ގަދަކަމުން ބެހި، އެކުއްޖާއަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅި އެ ދެ މައްސަލައާ ގުޅިގެން އެމީހާ ހައްޔަރުކޮށްފައި ވަނީ، އޭނާ ހޯދުމަށް ފުލުހުން އެތަށް ފަހަރަކު އިއުލާންކޮޮށް، ފިލައިގެން އުޅެނިކޮށް އާއްމުންގެ ބަޔަކު ދިން މައުލޫމާތަކާ ގުޅިގެން މިމަހުގެ އެއް ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ގދ. ހޯޑެއްދޫއިން ކަމަށެވެ. އަދި އޭނާ އަކީ ގިނަ އަދަދެއްގެ ކުށުގެ ރިކޯޑް އޮންނަ މީހެއް ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.
އެ މީހާގެ ބަންދުގެ މުއްދަތަށް 15 ދުވަސް، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ ހުކުރު ދުވަހު ޖަހައިދީފައިވާއިރު، އެ މައްސަލަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.