29 Dec 2010, 07:53
ޓޫރިސްޓު ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ އަންނަ ޖެނުއަރީ މަހު އެއް ވަނަ ދުވަހުން ފެށިގެން ނަގާނެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ[ މިރާ] އިން ހަނދާންކޮށްދީފި އެވެ.
މީރާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ ޓޫރިސްޓު ރިސޯޓުތަކުންނާއި ޓޫރިސްޓު ހޮޓާ ތަކުންނާއި ގެސްޓް ހައުސްތަކުންނާއި ޕިކްނިކް އައިލެންޑްތަކުންނާއި ޓޫރިސްޓު އުޅަދުތަކުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތްތަކުންނާއި އަދި ޓޫރިސްޓު ހިދުމަތްދޭ އެހެނިހެން ތަންތަނުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ދެވޭ ހިދުމަތްތަކުން 01 ޖެނުއަރީ 2011 ފެށިގެން ޓެކްސް ނެގުމަށް ހަމަޖައްސާފައި ވާކަމަށެވެ.
މީރާ އިން ބުނެފައި ވަނީ މިހާތަނަށް އެ އޮތޯރިޓީގައި ރަޖިސްޓްރީ ނުކުރާފަރާތްތަކުން ޖެނުއަރީ އެކެއްގެ ކުރިން ރަޖިސްޓްރީ ކޮށް ނިންމުމަށެވެ. އަދި މީރާގައި ރަޖިސްޓްރީ ނުކޮށް ގާނޫނުގައި ބަޔާން ކޮށްފައިވާ ފަދަ ޓެކްސް ނެގޭ ހިދުމަތެއް ދިނުމަކީ ކުށެއް ކަމަށާއި އެފަދަ ފަރާތްތަކާއި ދޭތެރޭ ގާނޫނުނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.
".....އެ އޮތޯ ރިޓީގައި ރަޖިސްޓްރީ ކުރުމަކާއި ނުލައި 01 ޖެނުއަރީ 2011ގެ ފަހުން، ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ޓެކްސް ނެގޭ ހިދުމަތެއް ދިނުމަކީ ކުށެއްކަމަށާއި، ޓެކްސް ނެގުމާ ބެހޭ ގަވާއިދުގެ ދަށުން އެފަދަ ކުށެއްގެ އަދަބަކަށް ކަނޑައެޅިފައި ވަނީ 25000 ރުފިޔާ އިން ޖޫރިމަނާކުރުން ކަމަށް ވެސް އެއޮތޯރިޓީން މައުލޫމާތު ދެއްވަ އެވެ،" މީރާގެ ބަޔާނުގައިވެ އެވެ.
ޓެކްސް ދެއްކުމުން އެކަހެރި ވުމާއި ޓެކްސްގެ ބަޔާން އޮޅުވާލުން ފަދަ ކަމެއް ކުރާ މީހެއްގެ އަދަބެއްގެ ގޮތުގައި ޖީއެސްޓީގެ ގާނޫނުގައި ކަޑައަޅާފައި ވަނީ 100000 ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ތިން މަސް ދުވަހާއި 18 މަސް ދުވަހާ ދެމެދު މުއްދަތަކަށް ގޭގައި ބަނދުކުރުން ނުވަތަ ޖަލަށް ލުމާއި ޖޫރިމަނާކުރުމާއެކުގައި ގޭގައި ބަންދުކޮށް ޖަލަށް ލުމެވެ.
ހަމަ އެ ގާނޫނުގެ 37 ވަނަ މާއްދާގައި ބުނަނީ މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ރާއްޖޭގައި ހިންގަމުން އަންނަ ޓޫރިސްޓު ރިސޯޓްތަކާއި ޕިކްނިކް އައިލެންޑްތަކާއި ގެސްޓް ހައުސްތަކާއި ޓޫރިސްޓް އުޅަނދުތަކާއި އެ ތަންތަނުގައި ގާއިމުކޮށްފައިވާ ޑައިވިން ސްކޫލްތަކާއި ފިހާރަތަކާއި ސްޕާތަކާއި މޫދު ކުޅިވަރުގެ ހިދުމަތް ދޭ ތަންތަނާއި ޓްރެވަލް އެޖެންސީތަކާއި ޓޫރިސްޓުންނަށް ވައިގެ ދަތުރުފަތުރުގެ ހިދުމަތާއި ޓޫރިސްޓުންނަށް ކަނޑު ދަތުރުފަތުރުގެ ހިދުމަތް ދޭ ތަންތަން އެ އިދާރާގައި ރަޖިސްޓްރީކުރަން ޖެހޭ ކަމަށާއި އެ ޓެކްސް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދައްކަން ޖެހެ އެވެ.
މިރާގެ އެބަޔާނުގައި ބުނެފައި ވަނީ އަންނަ މަހުން ފެށިގެން ޓެކްސް ނަގަން ފެށުމާ އެކު ފުރަތަމަ ޓެކްސް ނަގާ މުއްދަތު އެއީ ޖެނުއަރީ 1 ކުން 31 އަށް ގެ ޓެކްސް ބަޔާން 28 ފެބުރުއަރީ 2008 ގެ ކުރިން ވިޔަފާރިތަކުން މީރާ އަށް ހުށަހަޅުއްވަން ޖެހޭނެ ކަމަށެވެ.
ސަރުކާރުން މިހާރު މަޖުލީހަށް ފޮނުވާފައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ސަރުކާރަށް ލިބޭ އާމްދަނީގެ 8،761.8 މިލިއަން ރުފިޔާގެ 59 އިންސައްތަ ހިއްސާ ކުރަނީ ޓެކްސްގެ ގޮތުގައި ސަރުކާރަށް ލިބޭ އާމްދަނީން ނެވެ.